އެހެން މީހެއްގެ މުސާރަ ނެގި މުވައްޒަފުންތަކުގެ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް އޭސީސީން ބުނޭ--
އެހެން މީހެއްގެ މުސާރަ ނެގި މުވައްޒަފުންގެ މައްސަލަ އޭސީސީން ތަހުގީގުކުރަނީ
މަރްޔަމް މުޙައްމަދު 16 ޖޫން 2026 (އަންގާރަ)   18:53
މާލެ ސަރަހައްދުގެ ސްކޫލެއްގައި ފަސް އަހަރު ވަންދެން ހިންގަމުން ދިޔަ ހިޔާނާތުގެ ބޮޑު މައްސަލައިގެ ތަހުގީގެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.

މީގެ ފަސް އަހަރު ކުރިން 2021 އިން ފެށިގެން އެހެން މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ފާހަގަވެ، އެ ތިން މުވައްޒަފުން ކަނޑާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފަ އެވެ.

މި ޚަބަރު މީޑިއާތަކުން އާންމުކުރުމައެކު، މި މައްސަލަ އޭސީސީން ބަލަމުން އަންނަކަމަށް، މިއަދު އޭސީސީގެ އޮފިޝަލަކު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭސީސީން މިހާރު ވަނީ ތަހުގީގުވެސް ފަށާފައެވެ. އެހެންނަމަވެސް، ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް އޭސީސީން ހިއްސާ ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކުރުމަށް ނިންމާފައިވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.

އެ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ސީއެސްސީން ނިންމީ، އެ ސްކޫލުގައި ކުރިން މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވުމަށް ފަހު، އޭނާގެ ނަމުގައި އެ ތިން މުވައްޒަފުން ގުޅިގެން މުސާރަ ނަގަމުންދިޔަކަން ފަޅާއެރުމުންނެވެ.

އެ މައުލޫމާތު އެނގޭ މީހަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ބިދޭސީމީހާ ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ މުސާރަ ނަގައި، ބަޖެޓު އޮފިސަރާ އާއިލީ ގުޅުން އޮތް ތަފާތު މީސްމީހުންގެ އެކި އެކައުންޓުތަކަށް ފޮނުވަމުން ދިޔަ ކަމަށެވެ.

ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާގެ ފައިސާ އެ ބިދޭސީ މުވައްޒަފުގެ ނަމުގައި މުސާރައިގެ ގޮތުގައި ނަގައި އެކި އެކައުންޓުތަކަށް ފޮނުވި ކަމަށް ވެސް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައި ވެއެވެ.

މި މައްސަލަ ފުރަތަމަ ފާހަގަވީ ޓީޗަރުންގެ މުސާރަ އެޕްރޫވްކުރުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރި ފަހުން ރެންޑަމްކޮށް ކުރި ޗެކްކުރުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހިޔާނާތުގެ މައްސަލަ ފެންމަތިވެ، އިދާރީ ފިޔަވަޅު އަޅާފައިވީ ނަމަވެސް، މި މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ފުލުހުން ބަލަމުންދާކަން އެނގިފައެއް ނުވެއެވެ.

ކޮމެންޓް