ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިސްލާހު ގެނެސްފި
250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ފެން ފިޔަވައި ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާ
މަރްޔަމް މުހައްމަދު 19 ސެޕްޓެމްބަރ 2026 (ހޮނިހިރު)   15:09
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، މިއަދު ބަދަލު ގެންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 35/2025 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގަރާރަށް މިއަދު ގެންނެވި އިސްލާހުގައި ވާގޮތުން، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ބަދަލުކުރުމާއި މި ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ފަސްކުރެއްވުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.

އަދި ލިސްޓުގެ ނަންބަރު 13 ގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާކުރާ ތާރީހު 1 ޑިސެންބަރު 2029 އަށް ފަސްކޮށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީހު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ވެސް ވަނީ ކަނޑައަޅުއްވައިފައެވެ.

މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓުވަނީ އިސްލާހު ކުރައްވާފައެވެ.

އެ އިސްލާހުތައް، ގަރާރު ނަންބަރު 15/2026 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގައި ހިމަނުއްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ، ޝާއިޢު ވެސް ކޮށްފައެވެ.

ކޮމެންޓް