އެމްޓީސީސީގެ މަހާ ޖައްރާފު.--
އެމްޓީސީސީގައި މިހާރު އޮތް މަހާޖައްރާފުގެ ތިންގުނަ ބޮޑު ޖައްރާފެއް ގެންނަނީ
ހަސަން އިބްރާހީމް 26 ސެޕްޓެމްބަރ 2026 (ހޮނިހިރު)   15:35
އެމްޓީސީސީން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް މިހާރު އޮތް މަހާޖައްރާފުއަށް ވުރެ ތިން ގުނަ ބޮޑު އުޅަނދެއް މި އަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދޭ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ކުރަން ނިންމި ތަރައްގީގެ މަޝްރޫއުތަކާއި، 20 އަހަރު ދުވަހުގެ ތަރައްގީގެ މާސްޓާ ޕްލޭންއަށް އަމަލީ ސިފައެއް ގެންނަން ބޮޑެތި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެމްޓީސީސީގެ ގާބިލުކަން އިތުރުކުރަންޖެހޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ކުންފުނީގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.

"އެމްޓީސީސީއަށް ބޭރު ފައިސާ ލިބޭނެ ގޮތްތައް، ޑޮލަރު ލިބޭނެ ގޮތްތައް ބޭނުންވޭ. މާ ލަސްތަކެއް ނުވެ އެ މީހުންގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ އާއި ބޭރުން ގެންނަން ޖެހޭ އެއްޗެހި ގެނެސް ދެން ފެންނާނީ އެ މަޝްރޫއުތައް ހިނގައިގަންނަތަން،" ރައީސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ރަށްރަށުގައި ހުރި މިކަހަލަ ބަނދަރު ހެދުމާއި ބޮޑުހިލަ ބޭނުންކޮށްގެން ހުރިހާ މަސައްކަތެއް ވަރަށް ބާރު ސްޕީޑުގައި ދާނެ. ތޮށިލާން ހުރި ތަންތަނާއި ރަށް ގިރުމުގެ މައްސަލަތައް ހުރި މައްސަލަތައް ވެސް."

ރައީސް ވިދާޅުވީ އެމްޓީސީސީއަކީ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި އެ ކުންފުންޏަށް ޖައްރާފާއެއް ނުވަތަ ޑްރެޖަރެއް ހޯދައިދޭން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަހާޖައްރާފަކީ މިހާރު އެ ކުންފުނީގައި ބޭނުންކުރާ މަހާޖައްރާފަށް ވުރެ ތިން ގުނަ ބޮޑު ހޮޕާ ޑްރެޖާއެއް ކަމަށާއި އެއީ މުޅިން އާ ޑްރެޖާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފާގެ ތިން ގުނަ ބޮޑު ޖައްރާފާއެއް މިހާރު އިރާދަކުރެއްވިއްޔާ އެވަނީ ސެކިއާ ކުރެވިފައި. އުއްމީދު މިކުރެވެނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެ ކަމުގައި. ގެނެވުނީމާ އެމްޓީސީސީއާ ހަވާލުވެފައި ހުރި މިހާރު ނުފެށި ހުރި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ބާރަށް ހިނގާނެ،" ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީއާ އާރްޑީސީ އެއްކޮށްލުމުން މަގު ހެދުމަށް އެ ކުންފުނިން ގެނެސްފައި ހުރި ތަކެއްޗާއެކު މަސައްކަތްތައް ފެށިގެންދާތަން ބާރު ސްޕީޑުގައި ކުރިއަށްދާތަން އަންނަ އަހަރު ތެރޭ ފެންނަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް