
މިއަދު ފާހަގަކުރަމުންދާ އަންހެންކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
ދުވަހާ ގުޅޭގޮތުން ރައީސް ދެއްވި މެސެޖުގައި، އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންހިފުމަށް މަގުފަހިކޮށްދިނުމަށާއި، ކުރިމަގުގެ ލީޑަރުންގެ ގޮތުގައި އެކުދިން ބިނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ރައްކާތެރި، އެހީތެރިކަން ލިބޭ މާހައުލެއްގައި ޤައުމީ ތަރައްގީއަށް މާނަހުރި ގޮތެއްގައި ހިއްސާވުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ސިޔާސަތުތައް އެކަށައަޅައި، ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަން ފެށެންވާނީ އާއިލާތަކާއި މުޖުތަމައުތަކުގެ ތެރެއިން ކަމަށާއި، ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ބައިވެރިވުން މިކަމުގައި މުހިންމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަ، ޝާމިލު އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި މުޅި މުޖުތަމައަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 11ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް" އެވެ.




