
ކްލެސިކް ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތަކަށް މިހާރު ކަނޑަޅާފައި ވަނީ 750 ޑޮލަރެވެ. ނަމަވެސް އޭގެ ބަދަލުގައި، 1،400 ޑޮލަރަށް އަންނަ މަހުން ފެށިގެން އިތުރުވެގެން ދާނެއެވެ.
އަދި ގޯލްޑް ކްރެޑިޓް ކާޑުން ވެސް މިހާރު ކަނޑަޅާފައިވާ 750 ޑޮލަރުގެ ބަދަލުގައި، 1،500 ޑޮލަރަށް އިތުރުވެގެންދާއިރު، ޕްލެޓިނަމް ކްރެޑިޓް ކާޑުން މުއާމަލާތްތަކަށް މިހާރު ކަނޑަޅާފައިވާ 1500 ޑޮލަރުގެ ބަދަލުގައި، 3،000 ޑޮލަރަށް އިތުރުވެގެން ދާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިކަން އެންމެފުރަތަމަ އިއުލާން ކުރައްވާފައި ވަނީ ރައީސް މުއިއްޒު އެވެ. އެމަނިކުފާނު އޭރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް ޑޮލަރުގެ އަގު ތިރިވެގެންދާތަން ފެނުމުގެ ބަދަލުގައި މައްޗަށް ދިޔުމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކުރަމުން ނެވެ. ގިނަ އިގުތިސޯދީ މާހިރުން ބުނަނީ، ޑޮލަރުގެ އަގު މައްޗަށް ދަނީ، މި ސަރުކާރުގައި ގައުމުގެ އިގުތިސޯދު ނަގަހައްޓާ ދެމެހެއްޓުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން ކަމަށެވެ.




