
މި ޕްރޮގްރާމަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާ ގުޅިގެން، ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާއަށް އާ އިންވެސްޓްމަންޓްތައް ބޭރުން ގެނައުމަށް ފަށާ މުހިންމު މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ގައުމެއް ކަމަށާ، އަދި ހަމަ އެޔާއެކު ރާއްޖެއަކީ އިންވެސްޓް ކުރުމަށް އަމާން ގައުމެއްކަން އިންވެސްޓަރުން މިހާރު ކަށަވަރު ކޮށްފި ކަމަށެވެ.
އެހެންކަމާއެކު އެހެން ބައެއް ގައުމުތަކުގައިވެސް އިންވެސްޓަރުންނަށް ލިބިދޭ ފަދަ ގިނަ ދުވަހު ގައުމުގައި ތިބެވޭނެ ކަހަލަ ފުރުސަތުތައް ގާނޫނީ ގޮތުން ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
'ޕާލް ރެސިޑެންސީ' އަކީ ދުބާއީގެ 'ގޯލްޑަން ވިސާ' އާ އެއްފަދަ، ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ ވަރުގަދަ ބްރޭންޑަކަށް ވާނެ ކަމަށެވެ. މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން މިހާރު ކުރިއަށްދާއިރު، މިކަމަކީ އިކޮނޮމީ ޑައިވެސިފައި ކުރުމުގެ ތެރެއަށް އިތުރުވެގެން ދިޔަ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުންވެސް، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި 'ރިމޯޓް ވޯކިން ވިސާ' އާއި 'ކޮންޓެންޓް ކްރިއޭޓާ ވިސާ' ތައާރަފްކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކަކީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ސައީދު ވިދާޅުވީ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އެއްވެސް އެއްޗެއް ހުސްވިޔަ ނުދީ ރައްޔިތުންނަށް އެކަށޭނަ މިންވަރުގައި ލިބޭނެކަން ޔަގީންކޮށް ދިނުން ކަމަށެވެ.




