ގިރާވަރުފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓްތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ޗާޓު.--
ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގޯތީގެ ގުރު އަލުން ނަގަނީ
މަރްޔަމް މުޙައްމަދު 29 ޖެނުއަރީ 2026 (ބުރާސްފަތި)   08:52
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ އެކު 'ބިންވެރިޔާ' ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައަޅަން، އަންނަ ހޮނިހިރު ދުވަހު ގުރުއަތު ނެގުން ބާއްވަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެވި, އާ ލޭންޑް ޔޫޒް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭނަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެހެންކަމުން އާ ލޮޓް ނަންބަރެއް ކަނޑައެޅިގެން ދިއުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ، އެ ބަދަލާ ގުޅިގެން، ގޯތި ލިބުނު އެންމެނަށް ލިބިފައިވާ ގޯތި އަލުން ކަނޑައެޅުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި ގުރު ނެގުން ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގުރު ނެގުން ކުރިއަށް ގެންދާނީ ހާޒިރީންނާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިމަތީގައެވެ.

ގުރުއަތު ނެގުން ކުރިއަށްދާއިރު، ގޯތި ލިބިފައިވާ ފަރާތްތަކަށް ހަމަޖެހިގެންދާ ޕްލޮޓް ހައުސިން މިނިސްޓްރީގެ ހިޔާވެހި ޕޯޓަލުން ވަގުތުން ފެންނާނެ ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ޕްލޮޓް ނަންބަރު މެސެޖަކުން އަންގާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދައުލަތުގެ މީޑިއާއިން މި ގުރުއަތުލުން ވަގުތުން ދައްކާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެއާއެކު، މިނިސްޓްރީން ބުނީ، ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެ ކަމަށެވެ.

މި އިއުލާނާއެކު މިނިސްޓްރީން ވަނީ، ގިރާވަރުފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓްތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ޗާޓުވެސް ހިއްސާކޮށްފައެވެ.

އެގޮތުން 1،250 އަކަފޫޓުގެ 2،605 ޕްލޮޓާއި، 1،650 އަކަފޫޓުގެ 1،213 ޕްލޮޓާއި، 2050 އަކަފޫޓުގެ 253 ޕްލޮޓާއި، 2،450 އަކަފޫޓުގެ ޕްލޮޓެއް ދޫކުރާނެ ކަމަށް، އެ ޗާޓުގައި ވެއެވެ.

ކޮމެންޓް