
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހު އެވެ.
ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މި މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާންތަކުގައި ބުނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ހައުސިން މިނިސްޓްރީން މި ހަފުތާގައި ބުނިގޮތުގައި، ގޯއްޗާއި ފްލެޓަށް މިހާތަނަށް ޖުމްލަ 5،067 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ގޯއްޗަށް އެދި 1،633 އެޕްލިކޭޝަަނަކާއި ފްލެޓަށް އެދި 3،434 އެޕްލިކޭޝަނެކެވެ.
މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތް އެ ދެ ސްކީމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 11،304 ފޯމެއް އޮތް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.
މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ، އެ ސްކީމަކަށް ކުރިމަތިނުލެވޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެ ޕްރޮގްރާމުގެ ދަށުން ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ލިބޭނެއެވެ.
ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އާ ޕްރޮގްރާމްގެ އުސޫލު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެ އެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އެ ޕްރޮގްރާމަށް ހުޅުވާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.




