ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ސޯޝަލް ސެންޓަރުގައި
އެމްޑީޕީ ސަރުކާރުގައި ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ގުރުއަތުލުން ފަށައިފި
މަރްޔަމް މުޙައްމަދު 31 ޖެނުއަރީ 2026 (ހޮނިހިރު)   11:14
ފާއިތުވި އެމްޑީޕީ ސަރުކާރުން ތަންފީޒުކުރި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިއަދު ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ.

މި ސަރުކާރުން، ގުޅިފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ފޭސްތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ހުޅުމާލެއިން 1370 ގޯތި، ގުޅިފަޅުން 3559 ގޯތި އަދި ގިރާވަރުފަޅުން 4072 ގޯތި ދޭން ނިންމާފައި ވާއިރު، ކުރީ ސަރުކާރުން ދިނުމަށް ނިންމާފައިވަނީ، ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 އަދި ގިރާވަރުފަޅުން 5432 ގޯއްޗެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:

  • 1250 އަކަފޫޓުގެ 2603 ގޯތި
  • 1650 އަކަފޫޓުގެ 1214 ގޯތި
  • 2050 އަކަފޫޓުގެ 254 ގޯތި
  • 2450 އަކަފޫޓުގެ 1 ގޯތި

ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެ ކަމަށާ، އެފަރާތަކަށް ލިބޭ ފްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން އެނގޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށް ވަދެވޭނެ ކަމަށާއި ގޯތި ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާ ނަމަ، އެކަން އަންގައިދޭ ލިޔުމާއި އަދި ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމުން އެ ސަރަހއްދަށް އެ ފަރާތަކަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް