އެމްޑީޕީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ބަޔަކާއި ބިން ހަވާލުކުރަނީ - ފޮޓޯ: ހައުސިން މިނިސްޓްރީ
އަނބިމިހާ ނުވަތަ ފިރިމީހާގެ ބިމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭގޮތަށް ހުޅުވާލަނީ
ޖުނާން އަޙުމަދު 5 ފެބްރުއަރީ 2026 (ބުރާސްފަތި)   12:13
އަނބިމިހާ ނުވަތަ ފިރިމީހާގެ ބިމެއް އޮތަކަމުގައި ވީނަމަވެސް ސަރުކާރުން ހިންގާ އާއިލީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދަޅުވެއްޖެއެވެ.

ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައި ވީނަމަވެސް އަނބިމީހާ ނުވަތަ ފިރިމީހާގެ ތަނެއް އޮތުމުން ބިމާއި ފްލެޓަށް ކުރުމަތި ނުލެވޭގޮތަށް ޕޯޓަލް ހަދާފައިވުމުން ގިނަ ބައެއްގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެހެންކަމުން އަނބިމިހާ ނުވަތަ ފިރިމީހާގެ ބިމެއް އޮތަކަމުގައި ވީނަމަވެސް ބިމަށް ކުރިމަތިލެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ބަޔާނުގައި، ރައީސް މުއިއްޒު ވިދާޅުވީ ގޯތި ގެދޮރު ހޯދުމުގެ ތަނަވަސްކަން ހުރިހާ އެންމެނަށް ހޯދާ ދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއް ހަދަން ނިންމާފައިވާކަމަށެވެ. އެގޮތުން އަނބިމީހާގެ ނުވަތަ ފިރި މީހާގެ ބިމެއް އޮތްނަމަވެސް ގޯއްޗަށް ކުރިމަތިކެވޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށް އެކުލަވާލާފައިވާ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ  ދަށުން "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައި ވާއިރު، ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށައެޅެނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އެ ޕޯޓަލަށް ވަދެވޭނީ އީފާސް ބޭނުން ކޮށްގެންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

އެގޮތުން، ބިމަށް އެޕްލައިކުރުމަށް ފޯމް ހުށައަޅަން ޖެހޭ ސުންގަޑިއަކީ 4 މާރިޗު 2026 ގެ 23:59 ގެ ކުރިންނެވެ. އަދި ފުލެޓަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ – 17 އޭޕްރިލް 2026 ގެ 23:59 ގެ ނިޔަލަށެވެ.

ކޮމެންޓް