މާފަރު ފަޅުތެރޭގައި އޮންނަ ފަރުމުލި.--
މާފަރުން ވަކިކުރި ފަރުމުލީގައި ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި
ކާށިދޫ ފަޅުގައި 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމަށްވެސް ވަނީ ބީލަމަށް ހުޅުވާލާފައި
މަރްޔަމް މުޙައްމަދު 29 ޖެނުއަރީ 2026 (ބުރާސްފަތި)   11:29
ނ. މާފަރުގެ ފަޅު ތެރޭގައި ވަކި ރަށެއް ގޮތަށް އޮންނަ ފަރުމުލީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ބީލަމަށް އިއްޔެ ހުޅުވާލައިފި އެވެ.

މާފަރުގެ އިހުތިސޯސުގައި 2024 ވަނަ އަހަރު ހިމެނި ފަރުމުލި އެ ރަށުގެ އިހުތިސޯސުން ވަކިކުރީ 2025 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ ފަރުމުލި މާފަރު އިހުތިސޯސުން ވަކިކުރީ ޓޫރިޒަމްގެ ބޭނުމަށް އެ ރަށް ތަރައްގީކުރަން ނުވަތަ ރިސޯޓެއް ހަދަން ސަރުކާރުން ނިންމުމުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަރުމުލީގެ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާ އެކު 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ރަށެއް ހިއްކައި ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.

ހަމަ އެ އިއުލާނުގައި ކ.ކާށިދޫ ފަޅުގެ ސަރަހައްދުން ބައެއްގައި 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށްވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 16 އަދި 3 މާޗުގައި ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެ، 1 އޭޕްރީލްގެ ހެނދުނު 10ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ކޮމެންޓް
ކހރވ
2 weeks ago
ގައިމު މާފަރު އިހުތިސޯސްގަ އޮތްނަމަ އެރަށު މީހުންނަށް އެއްޗެއް ލިބުނީސްތާ