
އެމްޑީޕީ ސަރުކާރުން ފަތުރުވެރިކަމަށް ދޫކުރި ނ.އަތޮޅު ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށްދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިހާރު ވަނީ އެ ފަޅުގައި ހިއްކަންޖެހޭ ރަށްތައް ހިއްކައި ހިލަ ޖަހާފައެވެ.
މި ޕްރޮޖެކްޓް ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ.
އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަކީ 790 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމަށްޓަކައި، ދިވެހި ސަރުކާރާއި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރައްވައި "ޕްރޮޖެކްޓް އައިލާ" ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ 2025 ޑިސެންބަރު 31 ގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕްރޮޖެކްޓް އައިލާގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕީޓަރ ކްރިސްޓިކް ވަނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ސަރުކާރުންދޭ އެއްބާރުލުން ފާހަގަ ކުރައްވާފައެވެ. އަދި ސަސްޓެއިނަބަލް ޓައުންޝިޕް ކޮންސެޕްޓަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ވިސްނުންތެރި މޮޑެލެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
2028ވަނަ އަހަރު ނިމުމުގެ ކުރިން ސަސްޓެއިނަބަލް ޓައުންޝިޕް އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާކަން ޕްރޮޖެކްޓް އައިލާގެ ސީއީއޯ ފާހަގަ ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވީ އައިލާ މަޝްރޫއަކީ ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާއި ފަތުރުވެރިކަމާ މެދު އަލުން ވިސްނާލަން ލިބުނު ފުރުސަތެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުޅިން އާ ބާބެއްގެ ފެށުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ފުރަތަމަ ޓައުންޝިޕް ޕްރޮޖެކްޓް އައިލާ ގައި ލަގްޒަރީ ވިލާ އަދި އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓަކާއި މެރީނާއެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއްވެސް އެތަނުގައި ގާއިމުކުރެވޭނެއެވެ. ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި، އެކުއަކަލްޗަރުގެ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ މިޓައުންޝިޕްގައި ބޭނުންކުރާ ހަކަތައަކީ މަދުވެގެން 60 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.




