ރިސޯޓް ތަރައްގީކުރުމަށްޓަކާ ރާއްޖޭގެ ގިނަ ފަޅުތަކެއް ދަނީ ހިއްކަމުން.-- ފޮޓޯ: ފިޔެސް
ގިނަ ފަޅުތަކެއްގައި ރިސޯޓް ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި
އަގުތައް ހުރީ 2.1 މިލިޔަން ޑޮލަރުން ދަށުގައި
މަރްޔަމް މުޙައްމަދު 9 ފެބްރުއަރީ 2026 (ހޯމަ)   09:47
ގިނަ ފަޅުތަކެއްގައާއި ތިން ރަށެއްގައި ރިސޯޓް ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ އާންމުކުރި އިއުލާނުގައިވާ ގޮތުން ފަރުވެސް ހިމެނޭގޮތުން 14 ފަޅެއްގައި ރިސޯޓް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލާފައެވެ.

އޭގެ ތެރެއިން 1 ފަޅަކީ ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ތަރައްގީ ކުރަންޖެހޭ ތަނެކެވެ. އެ ފަޅުގެ އިތުރުން ބީލަމަށް އިއުލާންކުރި ތިން ރަށަކީވެސް ހަލާލު ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ ތިން ރަށެވެ.

ހަލާލު ޓޫރިޒަމަށް ހުޅުވާލީ، ހދ. މަކުނުދޫ ފަޅުން ބަޔަކާއި ލ.ފޮނަގާދޫ އާއި ސ.ދޮންހެރަ އާއި އެ ރަށުގެ ކައިރީގައިވާ ހެކްޓަރެއްވެސް ހަމަނުވާ ކުޑަ ރަށެކެވެ.

މި ތަންތަނުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކުއިޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މަކުނޫފަޅަށެވެ. ދުއިއްސައްތަ ހެކްޓަރުގެ އެ ފަޅަށް އެންމެ މަދު ވެގެން 1.3 މިލިއަން ޑޮލަރު (20 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ.

އާންމު އުސޫލުން ޓޫރިޒަމަށް ހުޅުވާލީ ހއ، ހދ، އަދި ށ.އަތޮޅުން ޖުމްލަ 13 ފަޅެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅަން ޖެހެނީ ހއ.މާދުނިފަޅުގެ ތިން ސަރަހައްދަކާއި ށ.އަތޮޅުގެ ގޮނާ ފަޅުގެ ތިން ސަރަހައްދެކެވެ. އެ އިން ކޮންމެ ސަރަހައްދެއްގެ ބޮޑު މިނުގައި 200 ހެކްޓަރު ހުންނާނެ ކަމަށް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވެ އެވެ. އެ 6 ފަޅުގެ އެކުއިޒިޝަން ކޮސްޓަކީ 2.1 މިލިއަން ޑޮލަރު (32 މިލިޔަން ރުފިޔާ) އެވެ.

މީގެ އިތުރުން ހއ.ކެލާ ފަޅުން ދެ ސަރަހައްދަކާއި ހދ.މަކުނުދޫ ފަޅުން ދެ ސަރަހައްދެއްގެ އިތުރުން ހދ.މާފަރު ފަޅުގެ ތިން ސަރަހައްދެއް ޓޫރިޒަމް ތަރައްގީ ކުރުމަށް ވަނީ ހުޅުވާލައިފައެވެ. ހއ.ކެލާގެ ފަޅުން 169 ހެކްޓަރުގެ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓް ދެ މިލިޔަން ޑޮލަރު (30 މިލިޔަން ރުފިޔަ) އަށް އަރާ އިރު 159 ހެކްޓަރުގެ ސަރަހައްދުގެ އަގު 1.9 މިލިޔަން ޑޮލަރު (29 މިލިޔަން ޑޮލަރު) އަށް އަރައެވެ.

ހދ.މަކުނުދު އާއި އެ އަތޮޅު މާފަރު ފަޅުން ދޫކުރަނީ 200 ހެކްޓަރު ފަޅުން ބައެކެވެ. އެ ތަންތަނުގެ އަގު އުޅެނީ 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ގަ އެވެ.

މި ބިޑަށް ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފަ އެވެ.

ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 ޑޮލަރު ހުށަހަޅަން ޖެހޭ އިރު އާންމު އުސޫލުން ރިސޯޓު ތަރައްގީ ކުރާ ރަށްތަކުގެ ބިޑް ސެކިއުރިޓީއަކީ 40،000 ޑޮލަރެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައިވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ރަށްތަކަކާއި ފަޅުތަކެއްގައި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލައިފަ އެވެ. އެކަމަކު އޭގެ ތެރެއިން ބިޑު ހުށަހެޅީ މަދު ތަންތަނަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއުލާން:

ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން

ރަށްރަށާއި ފަޅުތަކުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން

ކޮމެންޓް