
މައުލޫމާތު ލިބިފައިވާ ގޮތުގައި ސާޖިދު ސަސްޕެންޑް ކުރީވެސް އަދި މަގާމުން ވަކިކުރީވެސް ޖިންސީ ފުރައްސާރައިގެ މައްސަލައެއްގަ އެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ އެ މައްސަލަ ބެލި އެމްއެމްއޭގެ އެތެރޭގެ ކޮމިޓީން އޭނާ އެ މަގާމުން ވަކި ކުރަން ދިން ލަފަޔާ އެއްގޮތަށް ގަވަރުނަރު، އަހުމަދު މުނައްވަރު އެވެ. ސާޖިދު މަގާމުން ވަކި ކޮށް އޭނާއަށް އެކަން އެންގިކަން ކަށަވަރު ކުރެވުނު ނަމަވެސް މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ސަސްޕެންޑުކުރީ ޑިސެމްބަރު 25، 2025 އިން ފެށިގެންނެވެ. ސްޓަރަކްޗަރަލް ބަދަލެއްގެ ތެރެއިން ކަމަށް ބުނެ އެފްއައިޔޫގެ ކުރީގެ ވެރިޔަކަށް ހުރި އަބްދުالله އަޝްރަފްގެ ބަދަލުގައި ސާޖިދު އެ މަގާމަށް ހަމަޖެއްސީ އޯގަސްޓު 3، ގައެވެ.
ސާޖިދު އެ މަގާމަށް ހަމަޖެއްސީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫއިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ.
އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.




