ރަށެއްގައި ހުރި ފެނަކަ އޮފީހެއް. ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ސިޔާސީ ފިކުރާ ގުޅިގެން ފިޔަވަޅު އެޅުން ވަނީ އިތުރުވެފައި.- ފޮޓޯ: ފިޔެސް
ފެނަކަ ދިއްގަރު ބްރާންޗުގެ މެނޭޖަރު ވަޒީފާއިން ވަކިކޮށްފި
ވަޒީފާއިން ވަކިކުރީ އެމްޑީޕީއަށް ތާއީދު ކުރާތީ، ދިއްގަރު ދާއިރާ މެންބަރުގެ ނުފޫޒުން: ސޯދިގު
މަރްޔަމް މުޙައްމަދު 24 ފެބްރުއަރީ 2026 (އަންގާރަ)   08:53
މ.ދިއްގަރު ގައި ހުންނަ ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ސޯދިގު ވަޒީފާ އެހެން ރަށަކަށް ބަދަލުކުރުމަށްފަހު، އެންމެފަހުން ވަޒީފާއިން ވަކިކޮށްފި އެވެ.

ސޯދިގު މީޑިއާއަށް ދެއްވާފައިވާ މައުލޫމާތުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރީ އެމްޑީޕީއަށް ތާއީދު ކުރާތީ އެވެ. ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން އިއްޔެ ފޮނުވުމުގެ ކުރިން، މިދިޔަ ޖެނުއަރީ މަހު ސޯދިގު ވަޒީފާ ފެނަކަ ގއ.ކޮނޑޭ ބްރާންޗަށް ބަދަލު ކުރިއެވެ.

"މިދިޔަ ޖެނުއަރީ މަހުގެ 22 ހިސާބުގައި އަޅުގަނޑަށް އަންނަނީ ގއ.ކޮނޑޭ ބްރާންޗަށް ބަދަލުކޮށްފައިވާ ކަމަށް ލިޔުމުން. ދެން 25 ޖެނުއަރީ ގައި އެކޮޅަށް ނުކުތުމަށް. ދެން އަޅުގަނޑު ވާނެ ލިޔުމުން އެ ސިޓީ އަށް ޖަވާބު ދީފައި، އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އާއިލާއާއި ދުރުގައި މަސައްކަތް ކުރުމަށް ވަރަށް ދަތި ކަމާއި، މިވަގުތު އަޅުގަނޑު އެކަމަށް އިއުތިރާޒު ކުރާ ކަމަށް. ދެން އޭގެ 12 ދުވަސް ފަހުން އަޅުގަނޑަށް އަންނަނީ ސިޓީއެއް އެ ނިންމުން ބަދަލުކުރެވެން ނެތް ކަމަށް. އަދި ފެބްރުއަރީ 4 ވަނަ ދުވަހު އެކޮޅަށް ވަޒީފާއަށް ނުކުތުމަށް. ނުނުކުމެއްޖެ ނަމަ ސޯދިގަށް ފިޔަވަޅު އަޅާނެ ކަމަށް." ރާއްޖެ އެމްވީއަށް ދެއްވި މައުލޫމާތުގައި ސޯދިގު ވިދާޅުވެފައި ވެއެވެ.

ސޯދިގު ވިދާޅުވެފައިވާ ގޮތުގައި، ވަޒީފާ ބަދަލުކޮށް ފެނަކައިން ފޮނުވި ލިޔުމުގައި އޮންނަ ގޮތުން ދަތުރާއި ހުރުމާއި އަދި ކެއުމުގެ ހުރިހާ ކަމެއް ފެނަކައިން ހަމަޖައްސާނެ ކަމަށް އޮވެއެވެ. އެހެންނަމަވެސް އިއްޔެ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ހަވާލުކުރުމާ ހަމައަށް ވެސް ފެނަކައިން އޭނާގެ ދަތުރު ހަމަޖައްސާފައި ނުވާ ކަމަށާ، އަދި އެކަމާ ގުޅޭ އެއްވެސް އަޕްޑޭޓެއްވެސް ދީފައި ނުވާކަން ސޯދިގު ފާހަގަ ކުރައްވާފައި ވެއެވެ.

ސޯދިގު ވިދާޅުވެފައިވާ ގޮތުން އޭނާ އަކީ އެމްޑީޕީ މެންބަރަކަށް ވުމާއެކު، އެކި ބަހަނާތައް ދައްކައި އޭނާއަށް ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމުގެ ސަބަބުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ސޯދިގު ސަސްޕެންޑް ކުރީ 2025 އޮގަސްޓް ގައި 30 ދުވަހުގެ މުއްދަތަށެވެ. އެއްވެސް ސަބަބެއް ބަޔާން ނުކޮށް ސަސްޕެންޑް ކޮށްފައި ބެހެއްޓިތާ 25 ދުވަސް ފަހުން، ހޮޅިއެއް ފަޅާލި ކަމުގެ ތުހުމަތު ސޯދިގުގެ މައްޗަށް ފެނަކައިން ކުރިއެވެ. އަދި ބަޔާންތަކެއްވެސް ނެގުމަށްފަހު ސަސްޕެންޝަންގެ މުއްދަތު 74 ދުވަހަށް ދިގުދެމިގެން ދިޔަކަން ސޯދިގު ފާހަގަ ކުރައްވާފައި ވެއެވެ.  

"ކުންފުނީގެ ގަވާއިދު ބުނާ ގޮތުން 60 ދުވަހަށްވުރެ އިތުރަށް ސަސްޕެންޑް ނުކުރެވޭނެ. އެހެންނަމަވެސް އެބޭފުޅުން 74 ދުވަސް ވަންދެން ސަސްޕެންޑް ކުރީ. ދެން އެވާހަކަ ވެސް ދެންނެވިން ކުންފުނީގެ ގަވާއިދުގައި އޮންނަނީ މިހެންނޭ، އެއާ ހިލާފަށް ނޫންތޯއޭ ސަސްޕެންޝަން އިތުރުކުރައްވަނީ. ދެން އެހެންނަމަވެސް 74 ދުވަހުގެ ސަސްޕެންޝަނަށްފަހު ވަޒީފާއަށް ނުކުމެ އޭގެ ފަހުން އަނގަބަހުން އެންގީ މިހާރު މައްސަލަ ނިމުނީއޭ. ދެން އަޅުގަނޑު ދެންނެވިން މައްސަލަ ނިމުނީ ކިހިނެއްތޯ؟ އެންމެ ކުޑަމިނުން އަޅުގަނޑު އެނގިލަން ބޭނުންވެއޭ. ބުނީމަ ބުނީ ދެން އެކަން އެ ނިމުނީއޭ ދެން މިކަން ކުރިއަށް ނުދާނޭ. ކުރިއަށްދާށޭ." ސޯދިގު ވިދާޅުވެފައި ވެއެވެ.

އެފަހަރު މައްސަލަ ނިމުނުކަމަށް އެންގި ނަމަވެސް، އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އޮޕަރޭޝަންގެ އެއްވެސް މަސައްކަތަކަށް ހަވާލުވެގެން ވެސް އަދި ކޮށްގެން ވެސް ނުވާނެ ކަމަށް ސޯދިގަށް ފެނަކައިން އެންގި އެވެ. އަދި އޭގެ ފަހުން އޭނާ ހުންނެވީ ޒިންމާއިން އެކަހެރި ކޮށްފައި ކަމަށާ، އޮފީހަށް ނުކުމެ ސޮއިކުރުމުން ނިމުނީ ކަމަށް ސޯދިގަށް ފެނަކައިން އަންގާފައިވުމުން އޭނާ އެގޮތަށް އަމަލު ކުރައްވަމުން ގެންދެވިކަމަށް ވިދާޅުވެފައި ވެއެވެ.

ސޯދިގު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިން އޭނާއާމެދު އަމަލުކުރީ ސިޔާސީ ގޮތުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނުފޫޒު އޮވެގެން މެންބަރުގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރި ކަމެއް ކަންވެސް ސޯދިގު ފާހަގަ ކުރައްވާފައި ވެއެވެ.

އަންނަ އެޕްރީލް 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ފޯރިގަދަވެފައިވާއިރު ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ދަނީ މަޖުބޫރު ކުރުވަމުންނެވެ. އަދި ތާއީދު ނުކުރާ ފަރާތްތަކަށް އެކި ގޮތްގޮތުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓް