މޭޔަރު އާދަމް އާޒިމް - ފޮޓޯ:މާލޭސިޓީ ކައުންސިލް
ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ އިން ނިންމީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް
އާހިރުގައި މިކަމުގެ ބުރަ އެންމެ ބޮޑަށް އުފުލަން މިޖެހެނީ އެންމެ ނިކަމެތި މީހާ – އާޒިމް
ޖުނާން އަޙުމަދު 4 ފެބްރުއަރީ 2026 (ބުދަ)   08:56
މިފެންނަނީ މިނިވަން މުވައްސަސާތަކުގެ ޒިންމާ އަދާނުކޮށް، ނުފޫޒުން ކަންކަން ކުރާ މަންޒަރު ކަމަށާ، އެގޮތުން، ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ އިން ނިންމި ނިންމުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ގަވާއިދާ ހިލާފަށް ނިންމާ ނިންމުމެއް ކަމަށް ވުމާއެކު، އާހިރުގައި އެކަމުގެ ބުރަ އެންމެ ބޮޑަށް އުފުލަން ޖެހޭނީ އެންމެ ނިކަމެތި ރައްޔިތު މީހާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އާޒިމް މިހެން ވިދާޅުވީ، ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާޒިމް ވިދާޅުވީ، އެއީ ސީދާ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެއް ކަމަށާ، އެމްއެމްއޭއިން އެ މުއާމަލާތް ހިންގަން އެއްބަސްވި ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އެމްއެމްއޭ އިން 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމި ނިންމުމަކީ ގަވާއިދާ ހިލާފަށް ބޯޑުން ނިންމާފައިވާ، ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް. މިކަމުގެ ސަބަބުން، އިންފްލޭޝަނަށް މަގުފަހިވެ، މުދަލާ ހިދުމަތުގެ އަގު ވަރަށް ބޮޑުތަނުން އިތުރަށް ބޮޑުވެގެންދާނެ. އެމްއެމްއޭގެ މެންޑޭޓުގައި ބަޔާންކުރާ މަގުސަދު މިހާރުވެ ސް މިވަނީ ބޮޑުތަނުން ފެއިލްވެފައި." – އާދަމް އާޒިމް

މިކަމާ ގުޅިގެން ޕެންޝަން އޮފީހުން މީޑިއާގައި ބުނެފައި ވަނީ، މިކަމުގެ ސަބަބުން ސެކަންޑްރީ މާކެޓުގައި ބޮންޑުތައް ވިއްކާނީ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ކަމަށާއި މިކަމުގެ ސަބަބުން ޕޯޓްފޯލިއޯގެ ރިޓާން އިތުރުވާނެ ކަމަށް ނަމަވެސް، މި މުއާމަލާތަށް އެމްއެމްއޭއިން ފަންޑުކުރަނީ އެމްއެމްއޭގައި ނެތް ރިޒާވެއް ބޭނުންކޮށްގެން ކަމަށާ، މި ހާލަތުގައި އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވާނެ ކަމަށް އިގުތިސާދީ މާހިރުން ބުނެއެވެ.

އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށާ، މިއީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ހަރުދަތައް ކުރުމަށް ފައިސާ ހޯދުން ކަމަށް ވެސް ގިނަބަޔަކު ސިފަ ކުރެއެވެ.

ކޮމެންޓް