
ފޭސް-3 ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޭސް-3 ޔޫނިއަންގެ ފަރާތުން ގާނޫނީ މަސައްކަތްކުރައްވާ މަޝްހޫރު ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވީ، އަޅުގަނޑުމެން ގަބޫލުކުރިޔސް ނުކުރިޔަސް، ފޭސްތިނެއްގެ ލޭންޑްޔޫސް ޕްލޭނަށް މިވަރުގެ ބޮޑު ބަދަލެއް މި ސަރުކާރުން މި ގެންނަނީ ކީއްކުރަންކަން އެބަ އެނގޭ ކަމަށާ، ސަރުކާރުގެ އަމާޒުހުރީ މާލެ ސަރަހައްދުން ބުރިޖުން ގުޅާލެވެންހުރި އަގުބޮޑެތި ބިންތައް ބޮޑު އަގުގައި ވިއްކާލުމަށް ފަހު އޭގެން ނާޖާއިޒު މަންފާ ނެގުމަށް ކަމަށެވެ.
ފޭސް-3 ޔޫނިއަންގެ ރައީސް މުޙައްމަދު ޖިނާހު އާއި ނައިބުރައީސް ޢަބްދުﷲ ޔަޒީދު ވެސް ބައިވެރިވެ ވަޑައިގެންނެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވީ، ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނެސް އެކަމާ މަތިކުރައްވާ ސަރުކާރުން އެތަންތަނުގެ ގޯތިވެރިންނަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލު ކުރަންޏާ ދާންޖެހޭނީ ކޯޓަށް ކަމަށެވެ.
އަދި، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓަށާއި ގޯއްޗަށް ދެވަނަ ފަހަރަށް ލީ މީހުންގެ ތެރެއިން އިވެލުއޭޓްނުކުރާ ފޯމުތައް އިވެލުއޭޓްކޮށްފައި ނޫނީ، މި ސަރުކާރުގެ ސްކީމްގެ ދަށުން ފުލެޓުތައް ދޫނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ފޭސް-3 ޔޫނިއަން އިން ވަނީ ގޮވާލާފައެވެ.
އަލީ ހުސައިން ވިދާޅުވީ، މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައަޅާފައި ވާއިރު، އެ ފުރުސަތުގައި ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް ކަމަށާ، މި ސަރުކާރުން މަސައްކަތްކުރަނީ، މިހާރު ހިއްކަމުން އަންނަ ރަސްމާލެއަށް އެ މީހުން ފޮނުވާލުމަށް ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ، މާލެ ސަރަހައްދުން ބޯހިޔާވަހިކަން ނެތްނަމަ މާލޭން ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކުރީ ސަރުކާރުގައި އޮތީ ކަނޑައަޅައިފައި ކަމަށާ، އެ އުސޫލުގެ ދަށުން ހުށަހަޅައިފައިހުރި ފޯމުތައް އަދިވެސް އިވެލުއޭޓްނުކޮށް އެބަހުރި ކަމަށް ވިދާޅުވެ، ރައްޔިތުންނަށް އަލުން ތަކުލީފެއް ނުޖައްސެވުމަށާއި، އެ ފޯމުތައް އިވެލުއޭޓްކޮށް ނިންމުމަށް މި ސަރުކާރަށް ގޮވާލައްވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، ސަރުކާރުން 600 މިލިއަން ޑޮލަރަށް ފުށިދިއްގަރުފަޅު ހިއްކަން ހަވާލުކުރީ، 400 މިލިއަން ޑޮލަރަށް އެ މަސައްކަތްކުރެވޭނެ ކަމަށް ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީން ބުނެފައި ވަނިކޮށް ކަމަށް ވިދާޅުވެ އަލީ ހުސެއިން ވަނީ، ސަރުކާރުން އެކަން ކުރަނީ ނާޖާއިޒު ފައިދާތަކެއް ނެގުމުގެ މަގުސަދުގައި ކަމަށް ތުހުމަތު ކުރައްވާފައެވެ.




