ދެވަނަ ސްކީމުގެ 14300 ގޯއްޗާއި 18150 ފުލެޓް ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދާއި، ބްރިޖަކުން ގުޅާލެވޭނެ ކަމަށް ކަށަވަރުވާ ސަރަހައްދު - ފޮޓޯ: ޔޫޓީއެފް
ރަސްމާލޭގެ ނަމުގައި ކުރާ ބޮޑު އިސްރާފާ ދެކޮޅަށް ތެދުވުމަށް ޔޫޓީއެފް އިން ގޮވާލައިފި
"ބިންވެރިޔާ ސްކީމްގެ ހައްގުވެރިން މަގުމަތިނުކޮށް، އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން އިތުރު ގޯއްޗާއި ފުލެޓް ދިނުމަށް ގޮވާލަން"
މުޙައްމަދު ޤާސިމް 14 ޖެނުއަރީ 2026 (ބުދަ)   12:53
ފާއިތުވި އެމްޑީޕީ ސަރުކާރުގެ ފަހި ދިރިއުޅުން ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓަށް ކުރިމަތިލީ 40،000 އަށް ވުރެ ގިނަ އާއިލާގެ ހައްގުތަކަށް މި ސަރުކާރުން އަރައިގަނެ، އެ އާއިލާތައް މަގުމަތިކޮށް، ރަސްމާލޭގެ ނަމުގައި މި ސަރުކާރުން ކުރަމުންދާ ބޮޑު އިސްރާފާ ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވުމަށް، އުތުރު ތިލަފަޅު ޔޫނިއަން (ޔޫޓީއެފް) އިން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާ ޔޫޓީއެފް އިން، ބިންވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި އެކު ގެޒެޓްކުރެވިފަވާ ގެޒެޓްގެ ލިންކް ހިއްސާކޮށް، މީސްމީޑިއާގައި، އެ ޔޫނިއަން އިން ކޮށްފައިވާ ދިގު ޕޯސްޓެއްގައި ބުނެފައި ވަނީ، ކުރީ ސަރުކާރުގެ ބިންވެރިޔާގެ 2 ވަނަ ސްކީމުން އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން ދިނުމަށް ނިންމާފައިވާ 14300 ގޯއްޗަށް 19347 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 18150 ފުލެޓަށް ފޯމް ހުށަހަޅާފައިވަނީ 21247 އާއިލާއިން ކަމަށާ، ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 14300 ގޯއްޗަށް ފޯމް ހުށަހެޅީ 19347 އާއިލާއިން ކަމަށް ވާއިރު، ޖުމުލަ 40،594 އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައި ވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، މި ސަރުކާރުން ލަސްކުރަމުންދަނީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފުށިދިއްގަރުފަޅަށް 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ މީހުން ގެންދިއުމަށް ކަމަށް ބެލެވޭ ކަމަށް ވެސް ޔުޓީއެފް އިން ބުނެފައި ވެއެވެ.

"ވީމާ 2 ވަނަ ސްކީމަށް ފޯމް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ފުށިދިއްގަރުފަޅަށް ދިއުމަށް ފޯމް ހުށަ ނޭޅުއްވުމަށް ގޮވާލަން. ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ކުންފުނި ކަމުގައިވާ ރާއްޖޭގެ ރައްޔިތުންގެ ކުންފުނި އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި 400 މިލިޔަން ޑޮލަރަށް ފުށި ދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް އެއަށްވުރެން 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް. އަދި ކޮރަޕްޝަނަށް މަގުފަހިކުރެވޭނެ ކަމެއް ކަމުގައި ދެކެން." - ޔޫޓީއެފް

ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަކީ، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރަންޖެހޭ މަޝްރޫއެއް ކަން ބަޔާންކޮށް ޔޫޓީއެފް އިން ބުނެފައި ވަނީ، ދެވަނަ ސްކީމުގެ 14300 ގޯއްޗާއި 18150 ފުލެޓް ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އަދި 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހަރަދު ކޮށްގެން ފުރަތަމަ ފިޔަވަހީގެ މި ރަށްތަކުން ހިއްކަން ކަނޑައަޅާފައިވާ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތްތައް ގާއިމުކޮށް، މި ސަރަހައްދުތަކުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮއްވާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަކީ ރައްޔިތުންގެ މުދަލުން އިސްރާފުކުން ކަމަށް އެ ޔޫނިއަން އިން ދެކޭ ކަމަށެވެ.

އަދި ކުރީ ސަރުކާރުން އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމާފައިވަނީ 645 ހެކްޓަރުގެ ބިން ކަމަށާ، އަދި އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ޖުމުލަ 1050 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރިކަމަށް ކުރީ ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޔުޓީއެފް އިން ބުނެފައި ވެއެވެ.

"ފުށިދިއްގަރު ފަޅަކީ ބްރިޖަކުން ގުޅެންނެތް ސަރަހައްދަކަށް ވެފައި، ބްރިޖުން ގުޅާލެވޭ އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅަކީ ކުރީ ސަރުކާރުން 645 ހެކްޓަރުގެ ބިން ހިއްކައިގެން ބިންވެރިޔާ ދެ ސްކީމުން ދޫކުރަން ނިންމާފައިވާ 23303 ގޯއްޗާއި 30100 ފުލެޓްގެ އިތުރުން، އިތުރު 205 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރު 25 ނުވަތަ 30 ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ދެވެންހުރި ތަންތަނަށް ވުމުން، ފުށިދިއްގަރު ފަޅު ހިއްކުމަށް މި ސަރުކާރުން ކުރާ އިސްރާފު ހުއްޓާލައި އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން އިތުރު ގޯއްޗާއި ފުލެޓް ދިނުމަށް ގޮވާލަން." - ޔޫޓީއެފް

ނިންމާލަމުން ޔުޓީއެފް އިން ބުނެފައި ވަނީ، މި ސަރަހައްދަކީ މުސްތަގްބަލުގައި އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާއި ހަމައަށް ކުދި ބްރިޖްތަކުން އިތުރު 5 ފަޅު ގުޅާލެވެންހުރި، ބިމުގެ ގޮތުން 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރި ތަންތަނަށް ވުމުން މިއީ 8 ލައްކަ މީހުން އާބާދު ކުރުމުގެ ފުރުސަތުއޮތް ސަރަހައްދެއް ކަމަށް ވުމުން އެކަމަށް އިސްކަން ދެއްވުމަށް ރައީސް މުއިއްޒަށް އާދޭހާއިއެކު އިލްތިމާސް ދަންނަވާ ކަމަށެވެ.

ޔޫޓީއެފް އިން މި ކަންބޮޑުވުންތައް ތައްކުރާރުކޮށް ހިއްސާކުރަމުން ދާއިރު، ހުޅުމާލޭ ފޭސް-3 ޔޫނިއަން އިން ވެސް ވަނީ މިކަމުގެ ކަންބޮޑުވުންތައް ހަމަ މި މޭރުމުން ހިއްސާކޮށްފައެވެ. އަދި މީގެ އިތުރުން ވެސް ބޯހިޔާވަހިކަމުގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުންނާއި އާންމު އެތައް ރައްޔުތުންނެއް ވެސް މިކަމުގެ ކަންބޮޑުވުންތައް މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި ފާޅުކުރަމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް