
ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައިދިނުން ވެސް ހިމެނޭހެން ރެފަރަންޑްރަމްއާ ގުޅޭ ދެ މައްސަލައެއް ހުށަހަޅާފައި ވަނީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަލީ ހުސައިނާއި ވަކީލް އައިކް އަހުމަދު އީސަގެ އިތުރުން ވަކީލް އިބްރާހިމް ޝިޔާމެވެ.
ރައީސް އޮފީހަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓަށް ހުޑަހެޅި މި ދެ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސެއިން މިއަދު ވިދާޅުވީ، މި މައްސަލަތަކުގެ މައިގަނޑު އަސާސަކީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފުވެފައިވުން ކަމުގައި ވާއިރު، ގާނޫނުއަސާސީގެ އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެ ބިލެއް ތަސްދީގު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެއް ކަމަށެވެ.
އަދި، ގާނޫނުއަސާސީއަށް ގެނައި މި އިސްލާހު ތަސްދީގު ކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކަމަށާ، ބަންދު ދުވަސްތައް ނުހިމަނައި ގުނި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތު މިހާރު ވަނީ ފާއިތުވެފައި ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މުއްދަތުތައް ފާއިތުވެފައިވާތީ އެ ބިލަކީ ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފައި ވާއިރު، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދިވެސް ގޮތެއް ނުނިންމަ އެވެ.
ފާހަގަކޮށްލެވޭގޮތުގައި، ރެފެރެންޑަމްގައި އަހަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވިދާޅުވެފައި ވެއެވެ.




