
އަލީ ހުސެއިން މިފަދައިން ވިދާޅުވީ، މި އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ މިސަރުކާރުން ހަމަޖެއްސުމުގެ ގޮތުން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅޭ ކަމަށާ، އެ ލޯނު ދޫކުރަން އެމެރިކާގެ ސީއެފްއެސްއައިޓީ (ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް) އިން ވަރަށް ބޮޑު އިންޓްރެސްޓެއް ހުށަހަޅާފައިވާ ކަމުގެ ޚަބަރުތަކެއް ފެންމަތިވެފައި ވަނިކޮށް އެކަމަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޚަބަރުތައް ފެތުރެމުންދާ ގޮތުގައި، ކާގިލްސްއިން ވަނީ ސަރުކާރުން ބޭނުންވާ ވަރުގެ ލޯނެއް ދޫކުރަން ހުށަހަޅާފަ އެވެ. ނަމަވެސް އެ ހުށަހެޅުމާ ސަރުކާރުން އަދި ގޮތެއް ނުނިންމާ ވަނީ އިންޓްރެސްޓު ރޭޓު ބޮޑުކަމުންނެވެ.
"އެއްވަޅުގަނޑަށް ފަސްއަޅަން އެއަށްވުރެ ފުންވަޅުގަނޑެއް ކޮނެގެން ސަލާމަތްވާނެ ކަމަށް ހީނުކުރާތި. ދަރަނީގެ ދަންތޫރައިން ދިވެހި ރާއްޖެ ސަލާމަތް ކުރުމުގެ ގާބިލުކަމެއް މި ސަރުކާރަކުނެތް. ދަރަނި ދައްކަން އިތުރު ދަރަނި ނެގުން ނޫންކަމެއް ކުރަން ނޭނގުނު ބައެއްމީ." - އަލީ ހުސެއިން
އަލީ ހުސެއިންގެ އިތުރުން ވެސް ކާގިލްގެ ލޯނު ހުށަހެޅުމާ މެދު މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނާ ގޮތުގައި އެ ލޯނުގެ އިންޓްރެސްޓު ރޭޓު އުޅެނީ 15 ޕަސެންޓުގަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކްސް އެކައުންޓުން ވެސް ވަނީ މި ލޯނު ހުށަހެޅުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެސްޓީއޯ އިން އެތެރެކުރާ ބޭހާއި، ކާޑުގެ ބާވަތްތަކާއި، އެ ނޫން ވެސް ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މީގެ ކުރިން ވެސް މި ސަރުކާރުން ވަނީ ކާގިލްއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އެސްޓީއޯއަށް ގެރެންޓީއެއް ދޫކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް އެ ލޯނުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމުން، އެ ލޯނާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.




