ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް.- ފޮޓޯ: މަޖިލިސް
ފަށާފައިހުރި މަޝްރޫއުތައް ކުރިއަށް ނުދާތީ އައްބާސްގެ ކަންބޮޑުވުން
އިންތިހާބު ކައިރިވީމާ ވޯޓު ބޭނުމުގައި ރައްޔިތުންނަށް ދަޅަ ދައްކާލަން ރަށަށް އެތިކޮޅެއް އަރުވާފައި ސްޕީޑު ބާރުކޮށްފައި އިންތިހާބު ނިމުނީމާ އަނެއްކާވެސް ހުއްޓޭނީ – އައްބާސް
ހަސަން އިބްރާހީމް 31 ޖެނުއަރީ 2026 (ހޮނިހިރު)   10:54
ނ.ވެލިދޫ އާއި ވެލިދޫ ދާއިރާގެ ރަށްތަކުގައި، ކުރީ ސަރުކާރުން ފަށާފައިހުރި މަޝްރޫއުތަކާއި މި ސަރުކާރުން ފެށި މަޝްރޫއުތައް ކުރިއަށް ނުދާތީ އެ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މެންބަރު އައްބާސް އެކްސް ގައި ކުރެއްވި ޕޯސްޓްތަކުގައި ވަނީ މިފަހުން ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށިކަމާއި ސީ އެމްބިއުލާންސް ގެންދިޔަކަން ފާހަގަ ކުރައްވާފަ އެވެ. އެހެންނަމަވެސް އެއީ ވެލިދޫއަށް ބޭނުންވާ އަސާސީ ތަރައްގީގެ ބަދަލުގައި ފުއްދާލެވޭނެ މިންވަރެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ނިމިދިޔަ ސަރުކާރުން ފައުންޑޭޝަން އަޅާފައި ތަނބުތަށް ޖަހާފައި ހުރި ނ.ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތްކުރަން 25 މީހުންތިބެމެ 2 އަހަރުން ރާނާ ހިޔާކޮށްލެވުނީމާ އެއީތޯ ރައްޔިތުން ގަބޫލުކުރާ ތަރްއްގީއަކީ؟ އެއީތޯ ރައްޔިތުންގެ ޓެކުސް ފައިސާ އިސްރާފު ކުރަންވީ ގޮތަކީ؟ ކުރީގެ ސަރުކާރުން ފަށާފައިވާ ނ.ވެލިދޫ ގެ މަގުތަށް ޒަމާނީ ފެންވަރަށް ހަދާތާ 6 އަހަރު ނިމިދިޔައިރު އެންމެ މަގެއްވެސް ލެވެލްކޮށް ހަދާ ނުނިމުނީމާ އެއީތޯ ރައްޔިތުން އެދޭ ތަރައްގީގެ ސްޕީޑަކީ؟ މިތިބަ މޮޔަ ސިކުނޑިތަކުން ކޯޗެއްތޯ ތިވިސްނަނީ؟"

އައްބާސް މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ މިމަހުގެ 29 ވަނަ ދުވަހު، ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅުގައި އެއާޕޯޓް އެޅުމަށް އެ ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި ވުމުންނާއި އެއާޓެކްސީ ހިދުމަތާއި ސީއެމްބިއުލަންސް ހިދުމަތް ވެލިދޫގައި އިފްތިތާހު ކުރުމުން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެކަން ފާހަގަ ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދިމާކޮށް ރަށުގެ ރައްޔިތުންނަށް ވެފައިވާ ގިނަ ވައުދުތަކެއް މިއަދާ ހަމައަށް އޮތީ ފުއްދައިނުދެވި ކަމަށެވެ.

"ސިޔާސީ އެދުމަށް ރަށުވަންތަ ވަތަނީ ރޫހު ނެތް އަމިއްލަ އެދުމައިގެން އުޅޭ ނ ވެލިދޫގެ މަދު ބަޔަކު މިއަދު ސޯސަލް މީޑިއާގައި އުޅެމުންދާ ގޮތުން ހިނި އަންނަނީ!،" އައްބާސް ވިދާޅުވިއެވެ. "ރިޔާސީ އިންތިހާބާ މަޖުލިސް އިންތިހާބާ ދިމާކޮށް ތިމާ އުފަން ފަސްގަނޑަށް އެތަކެއް ވައުދުތަކެއް ވެގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު ފެށި އެއްވެސް ކަމެއް މިއަދާ ހަމައަށް ނުކުރެވި ފިނިހަކަ ދުވެލީގައި ކުރިއަށްދާ މަންޒަރު ފެންނަ ހިނދު ތިމާމެން ތި ގަބޫލު ކުރަނީ ސީއެމްބިއުލާންސް އާއި ސީޕްލޭން ދަތުރުތައް އެއީ ތިމާމެންނަށް ހައްގު މިންވަރު ކަމަށްތޯ؟"

ވެލިދޫގެ ތަރައްގީއަށް ބަޖެޓުކޮށްފައިހުރި މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުންވެސް އައްބާސް ވަނީ ތަކުރާރުކޮށް ފާޅުކުރައްވާފައެވެ.

"ވެލިދޫގެ އެންމެ މަގެއްވެސް ހަދާ ނިމުނުތޯ؟ ވެލިދޫ ހޮސްޕިޓަލް މަސައްކަތް ކުރިއަށް ދޭތޯ؟ ވެލިދޫ ޑިޓޮކްސް ސެންޓަރާއި ޕޮލިސް ޕޯސްޓު ނިމި ހިދުމަތް ލިބޭތޯ؟ ވެލިދޫ ޖޫނިއަރ ކޮލެޖު ނިމި ކިޔަވާދޭތޯ؟ ވެލިދޫ ކުޑަކުދިންގެ ޕާކް ނިމި ކުދިން ކުޅެން ތިބޭތޯ؟ ވެލިދޫ އައުޓުޑޯ ޖިމް ރިނޮވޭޓުކޮށް ނިމުނީތޯ؟ނިމިދިޔަ ސަރުކާރުން ފަށާފައި ނުނިމި ހުރި 4 ކުލާސްރޫމް ނިމުނީމައި ރަށު ތަރައްގީ ނިމުނީތޯ؟،" އައްބާސް ވިދާޅުވި އެވެ.

ވެލިދޫގެ އިތުރުން ވެލިދޫ ދާއިރާގެ ރަށްތަކުގައި ފަށާފައިހުރި މަޝްރޫއުތައްވެސް އެކަށީގެންވާ ސްޕީޑްގައި ކުރިއަށް ނުދާކަން ފާހަގަ ކުރައްވާ އައްބާސް ވިދާޅުވެފައިވަނީ އިންތިހާބު ކައިރި ވީމާ ވޯޓު ބޭނުމުގައި ރައްޔިތުންނަށް ދަޅަ ދައްކަނީ ކަމަށެވެ.

"ނ.ވެލިދޫ އާއި ނ.ފޮއްދޫ އާއި ނ.ޅޮހި ގައި މިސަރުކާރުން ފެށި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދޭތޯ؟ ތަޅުވަތަޅުވާ އޮތީ.. އިންތިހާބު ކައިރިވީމާ ވޯޓު ބޭނުމުގައި ރައްޔިތުންނަށް ދަޅަ ދައްކާލަން ރަށަށް އެތިކޮޅެއް އަރުވާފައި ސްޕީޑު ބާރުކޮށްފައި އިންތިހާބު ނިމުނީމައި އަނެއްކާވެސް ހުއްޓޭނީ."

އައްބާސް ވިދާޅުވެފައިވާ ގޮތުގައި މުޅި ރާއްޖޭގެ މިއަދުގެ ހާލަތަކީ ވެސް އެއީ އެވެ.

ކޮމެންޓް