ރައީސް މުއިއްޒު އާއި މެންބަރު އައްބާސް.-- ފޮޓޯ: މަޖިލިސް
ސަރުކާރުން ތެލުގެ އަގު ބޮޑުކުރީ އަގު ބޮޑުކޮށް ތެޔޮ ގަނެގެންތޯ؟
ހަސަން އިބްރާހީމް 5 މާރޗް 2026 (ބުރާސްފަތި)   23:14
ސަރުކާރުން ތެލުގެ އަގު ބޮޑުކުރީ އަގުބޮޑުކޮށް ތެޔޮ ގަނެގެންތޯ؟ އޭ ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސުވާލު އުފައްދަވައިފި އެވެ.

މެންބަރު އައްބާސް މީސްމީޑިއާގައި މިއަދު ވިދާޅުވީ، ރާއްޖޭގައި ހުރި ހުރިހާ ތެޔޮ ޓޭންކުތަކެއް ފުރެންދެން ތެޔޮ އެބަހުރި ކަމަށާއި، އަދި އިތުރު ތެޔޮ ޓޭންކަރެއް ބަރުކޮށްގެން ރާއްޖެއަށް އައުމަށް ފުރައިފި ކަމަށް މީގެ ކުރިން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ކުއްލިއަކަށް ތެލުގެ އަގު ބޮޑުވެގެންދިޔަ ގޮތާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ރާއްޖޭގައި ހުރި ހުރިހާ ޓޭންކުތަކެއް ފުރެންދެން ތެޔޮ ހުރިކަމަށް ވިދާޅުވެފައި އަދި އިތުރު ތެޔޮ ޓޭނަކަރެއް ބަރުކޮށްގެން ފުރައިފިކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައި މިހާރު މިވީ ކިހިނެއްތޯ؟ ސިޔާސީ އެދުން އިސްކޮށް އަބަދު އަބަދު ރައްޔިތުންނަށް ދޮގުބުނެ އޮޅުވާލުން ތީ އިންސާފުތޯ؟ ދޮގުބުނުމަކީ މަނިކުފާނުގެ ކަށީގައި ހިފާފައި ހުރި ކަމެއްތޯ؟" ރައީސް މުއިއްޒު ޓެގް ކުރައްވައި އައްބާސް ލިޔުއްވާފައި ވެއެވެ.

އައްބާސް ވިދާޅުވީ ސަރުކާރުން އަގުބޮޑުކޮށް ތެޔޮ ވިއްކަންވާނީ އަގުބޮޑުކޮށް ތެޔޮ ގަނެގެން ގެނައުމަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންނާމެދު ކުޑަކޮށްވެސް ވިސްނަވާ ނުލައްވައި ސަރުކާރުން މިފަދަ ނިންމުންތައް ނިންމުމުން، އާންމު ވިޔަފާރިތަކުން ހުރިހާ މުދަލެއްގެ އަގު ބޮޑުކުރާނެކަމީ ޔަގީންކަމެއް ކަމަށް އައްބާސް ވިދާޅުވެފައި ވެއެވެ.

އެސްޓީއޯއިން ރޭ ވަނީ ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ އަދި ޑީސެލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުކޮށްފައެވެ. ނަމަވެސް މި މަހުގެ 2 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ތެލުގެ ސްޓޮކް ރަނގަޅު ކަމަށާއި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"28 ފެބްރުއަރީގައި އޮމާނުން ފުރައިފި އަޅުގަނޑުމެންގެ އިތުރު ޝިޕްމެންޓެއް އިނގޭތޯ. މި ވަގުތުވެސް އެބަހުރި ނިއަލީ މަންތަކަށް ވާވަރަށް ފިއުލް. ދެން ހަމަ ރާއްޖޭގަ ސްޓޮކް ކުރެވޭނެ އެންމެ މެކްސިމަމް އެބަހުރި ސްޓޮކް ކޮށްފަ މިހާރުވެސް ރާއްޖޭގަ. އެހެންވީމަ، ތެޔޮ މި ދަނީ ވަރަށް ގާތުން ބަލަމުން." ރައީސް ވިދާޅުވިއެވެ.

ތެލުގެ އަގަށް ގެނައި ކުއްލި މި ބަދަލާއެކު އާންމުންގެ މެދުގައިވެސް ނުތަނަވަސްކަން އުފެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.

މެންބަރު އައްބާސްގެ ޕޯސްޓުގައި ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި ފަހު ބަހަކަށް ވިދާޅުވެފައިވަނީ، ގައުމު ހިންގަވަން އެނގިވަޑައިނުގަންނަވާނަމަ ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެ ކަމަށެވެ.

ކޮމެންޓް