
ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އެވެ.
މައުރޫފް ހުށަހެޅުއްވި އިސްލާހުގައި ވަނީ، "ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ" ކަމަށެވެ. "އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތުން" ކަމަށް ބަޔާންކޮށްފައިވެއެވެ.
ދެވަނަ ކަމަކަށް އެ އިސްލާހުގައި އޮތީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ވިޔަސް އެފަދަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި މައުރޫފް ބަޔާންކުރައްވާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން 10 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަންވާނެ ކަމަށް އޮތްނަމަވެސް އަދި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެ ކަމަށް ބަޔާންކޮށްފައި އޮތަސް، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ބާވަތުން ބެހުމުގެ ބަދަލުގައި، އެ ފައިސާ މާރުކޮށްގެން ބައެއް ތަންތަނުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދޭތީ އެވެ. އެކަމުގެ ސަބަބުން، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުގެ މަންފާ އެންމެ ފުރިހަމައަށް މުވައްޒަފުންނަށް ލިބުމަށް ހުރަސްއެޅޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.
އެހެންކަމުން އެ އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ސާވިސް ޗާޖު ލިބުމުގެ ހައްގު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުން ކަމަށް މައުރޫފް، އެ ބިލް ހުށަހެޅުއްވުމުގެ ސަބަބުގެ ގޮތުގައި ބަޔާންކުރައްވާފައި ވެއެވެ.
ސާވިސް ޗާޖްގެ ގޮތުގައި ލިބޭ ޑޮލަރު، ރުފިޔާއަށް މާރުކޮށްގެން ސާވިސް ޗާޖް ރުފިޔާ އިން ދިނުމުގެ ޝަކުވާ ބައެއް މުވައްޒަފުން ސޯޝަލްމީޑިއާގައި ކުރެއެވެ. އަދި ޑޮލަރުގެ އަގު އުފުލެމުންދާއިރު އެވާހަކަ އެކި ފަރާތްތަކުން ތަކުރާރުކޮށް ދައްކަމުން ދެއެވެ.




