ރުކުރި ލޯންޗްކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އައިލެންޑް ރެކްރޫޓްސް
ޓޫރިޒަމް ދާއިރާ ވަޒީފާގެ ބާޒާރަށް ހާއްސަ "ރުކުރި" ލޯންޗުކޮށްފި
31 ޖެނުއަރީ 2026 (ހޮނިހިރު)   22:49
ޓޫރިޒަމް ދާއިރާގެ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވައިދީ އެއް ފުރާޅެއްގެ ދަށުން ވަޒީފާގެ ފުރުސަތުތަކާއި މުއާމަލާތްތައް ކުރެވޭނެ ޑިޖިޓަލް ޕްލެޓްފޯމެއްގެ ގޮތުގައި "އައިލެންޑް ރެކްރޫޓްސް" ގެ "ރުކުރި" މިއަދު ލޯންޗުކޮށްފި އެވެ.

މިއަދު ހަވީރު ބާސެލޯ ނަސަންދުރާ ގައި ބޭއްވި އިވެންޓްގައި ރުކުރި ލޯންޗުކުރީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ހަރުދަނާވަމުންދާ ވަރަކަށް، ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން ފެންނަން އޮންނަ، ދެފުށް ފެންނަ، އަދި އަވަސް ނިޒާމެއް ބޭނުންވެފައިވާތީ ކަމަށް އައިލެންޑް ރެކްރޫޓްސްގެ ފަރާތުން ހާމަކުރިއެވެ.

"2023 ވަނަ އަހަރު އުފެއްދި ރުކުރި އަކީ ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިލެންޑް ރެކްރޫޓްސް އިން އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް. މިއީ ވަޒީފާ ދޭ ފަރާތްތަކަށާއި ވަޒީފާ ހޯދާ ފަރާތްތަކަށް ކަންކަން ސާފުކޮށް، އަވަސްކަމާއެކު ކުރިއަށްގެންދެވޭނެ ޒަމާނީ ނިޒާމެއް،" ރުކުރި އާންމު ކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

ރުކުރި އެކުލަވާލާފައި ވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް؛ 

ވަޒީފާގެ ފުރުސަތުތަކުގެ ސާފުކަން: ލަގްޒަރީ ރިސޯޓްތަކުގެ އިސް މަގާމުތަކުން ފެށިގެން، ގެސްޓްހައުސް، ރެސްޓޯރެންޓް އަދި ޓޫރިޒަމްގެ އެކި ހިދުމަތްތަކުގެ ވަޒީފާތައް ރުކުރީގެ އެހީގައި އެއް ތަނަކުން ފެންނާނެއެވެ. މީގެ ސަބަބުން ވަޒީފާ ހޯދާ ފަރާތްތަކަށް އެންމެ ގުޅޭ ވަޒީފާ ހޯދަން ފަސޭހަވެގެންދާނެއެވެ.

ފަސޭހަކަމާއެކު ވަޒީފާއަށް ކުރިމަތިލުން: ރުކުރީގެ ސަބަބުން ވަޒީފާ ހޯދުމާއި ވަޒީފާއަށް ކުރިމަތިލުން ކުރިއަށްވުރެ ލުއިވެއެވެ. ވަޒީފާ ހޯދާ މީހާއަށް އެއްތަނަކުން ހުރިހާ އެޕްލިކޭޝަނެއް ބެލެހެއްޓޭއިރު، ވަޒީފާ ދޭ ފަރާތްތަކަށްވެސް އުނދަގުލެއްނެތި ކެންޑިޑޭޓުންގެ މައުލޫމާތު ބަލައިލެވެއެވެ.

ދެފުށް ފެންނަ ނިޒާމެއް: ރުކުރީގެ އެންމެ ބޮޑު އެއް ބޭނުމަކީ ވަޒީފާގެ މަރުހަލާ ހިނ ގަމުންދާ ގޮތް ވަގުތުން ބަލައިލެވޭނެ ގޮތް ހެދުމެވެ. މީގެ ސަބަބުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ ހޯދާ ފަރާތާ ދެމެދު އިތުބާރު އުފެދިގެންދާނެއެވެ.

your imageރުކުރި ލޯންޗްކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އައިލެންޑް ރެކްރޫޓްސް 

އައިލެންޑް ރެކްރޫޓްސް އިން ހާމަކޮށްފައިވާ ގޮތުގައި ވަޒީފާ ހޯދާ ފަރާތްތަކަށް ރުކުރި އަކީ އެމީހުންގެ މުޅި ކެރިއަރު އެއް ތަނަކުން މެނޭޖުކުރެވޭނެ ޕްލެޓްފޯމެކެވެ. ތަފާތު އެކި ޕްލެޓްފޯމްތަކުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، އެއް ތަނަކުން ވަޒީފާ ހޯދައި، ކުރިމަތިލައި، އަދި އެޕްލިކޭޝަނަށް ވާނުވާ ބަލައިލެވޭނެއެވެ.

މީގެއިތުރުން ރިސޯޓްތަކަށް ބޭނުންވާ ފްރީލާންސް ނުވަތަ ކުރު މުއްދަތުގެ މަސައްކަތްތަކަށް މީހުން ހޯދުމަށް ވެސް ރުކުރީގައި ވަކި ހާއްސަ ބައެއް ވަނީ ހިމަނާފަ އެވެ.

އިތުބާރު ހިފޭ ވަޒީފާގެ މާހައުލެއް ބިނާކުރުމަށްޓަކައި، ރުކުރި މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކުގެ މަސައްކަތުގެ ތަޖުރިބާ ޔަގީން ކުރެވޭ ގޮތް ހަދާފައިވާއިރު، ރެފަރެންސް ޗެކްކުރުމާއި ޕްރޮފައިލް ވެރިފައި ކުރެވޭ ނިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން އައިލެންޑް ރެކްރޫޓްސްގެ ކޯ-ފައުންޑާ އަލީ ފާއިޒު (ތޮމްޕޭ) ވިދާޅުވީ، "އެއް ފުރާޅެއްގެ ދަށުން މި ފުރުސަތުތައް ފަހިކޮށްދިނުމުން، ދިވެހި މަސައްކަތްތެރިން ބާރުވެރިކުރުވައި، ވަޒީފާ ދޭ ފަރާތްތަކަށް އެންމެ އެކަށީގެންވާ މީހާ ހޯދުމަށް މަގުފަހިވެގެން ދާނެ" ކަމަށެވެ.

އައިލެންޑް ރެކްރޫޓްސްގެ މި މަސައްކަތަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ހަރުދަނާކޮށް، ވަޒީފާގެ ބާޒާރު ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް
ޒައިދު
2 weeks ago
މި އެޕް ޑައުންލޯޑް ކުރެވެނީ ކިހިނެއްތޯ؟