މޯލްޑިވްސް ވިކްޓްރީ ފެތުނު ހާދިސާއަށް 45 އަހަރު
ފިޔެސް 13 ފެބްރުއަރީ 2026 (ހުކުރު)   08:56
މުދާ އަރުވާ ބަރާކޮށްގެން، ސިންގަޕޫރުން ރާއްޖެއަށް ދަތުރުކުރަމުން އައިސް 1981 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ، ރާއްޖޭގެ ވެރިރަށް މާލެއާ ދާދިކައިރީގައި ވާ ހުޅުލޭ ފަރުގެ ހުޅަނގު ދެކުނަށް އުރި، އަޑިއަށް ގޮސްފައިވާ 'މޯލްޑިވްސް ވިކްޓަރީ' އަކީ ދިގުމިނުގައި 83 މީޓަރު ހުރި، ކާގޯ އުފުލާ ބޯޓެކެވެ. މިއީ އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ ބޯޓެކެވެ.

މި ބޯޓު އަޑިއަށް ދިޔަތާ މިއަދަށް 45 އަހަރު ފުރުނު އިރު، ފެތިފައިވާ މި އުޅަނދު ހިމެނޭ މި ސަރަހައްދު މިހާރު ވެފައިވަނީ ގުދުރަތީ ގޮތުން އިތުރު މުއްސަނދިކަމެއް ލިބިފައިވާ ސަރަހައްދަކަށެވެ. ސަބަބަކީ މިގޮތަށް ފެތިފައިވާ ބޮޑެތި އުޅަނދު ތަކަކީ އާންމުގޮތެއްގައިވެސް މުރަކަ ހިފާ، އާލާވުމަށް ބޭނުންކުރާ އޮނިގަނޑަކަށްވެ، ގިނަ ބާވަތްތަކުގެ މަސްމަހާމެހި އެއްތަނެއްގައި ވަޒަންވެރިވުމަށް މަގުފަހިކުރުވާ ބާރަކަށް މިފަދަ ތަންތަން ވަމުންދާތީއެވެ.

ހުޅުލޭ ބޭރު ފަރުގެ 37 މީޓަރުގެ ފުންމިނަށް ފެތިފައިވާ މި އުޅަނދަކީ ގިނަ ޑައިވަރުން ދެކޭގޮތުގައި އާންމުކޮށް ހުރި މިފަދަ އެހެން އުޅަނދުތަކަށްވުރެ ގިނައިން ކަނޑުގެ ދިރުންތައް ފެންނަ ސަރަހައްދެކެވެ. އެކަމުގެ ސަބަބެއް ކަމަށް ކާމާބެހޭ މާހިރުން ބުނަނީ، މި އުޅަނދު ފެތިފައިވަނީ ކަނޑުއޮޅިއެއްގެ ކައިރިއަށް ކަމަށްވާތީ އެވެ. މިތަނުން އަބަދުވެސް 'ނިއުޓްރިއެންޓްސް' ނުވަތަ ކާނާ، މިތަނުގެ ދިރުންތަކަށް ލިބެމުންދާތީ ކަމަށެވެ.

މި އުޅަނދާ ބެހޭގޮތުން 2019 ވަނަ އަހަރު އީޕީއޭ (އެންވަޔަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ) އިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ފެތިފައިވާ ވިކްޓަރީ ގައި 18 ވައްތަރެއްގެ މުރަކައާއި، 46 ބާވަތެއްގެ މަސްމަހާމެހި ދިރިއުޅެމުން ދެއެވެ.

އެހެންކަމުން މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް، މިސަރަހައްދަކީ ދިވެހި ޑައިވަރުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ ޑައިވަރުންތަކެއްގެ މެދުގައި، ރާއްޖޭގެ މަގުބޫލު ޑައިވިން ޕޮއިންޓެކެވެ. މި މަންޒިލަކީ ފަތުރުވެރިކަމަށާއި، ކަނޑުގެ ދިރުންތަކަށް ލިބިފައިވާ ތަފާތު މާހައުލެއްގެ އިތުރުން، މި އުޅަނދު ވެފައިވަނީ ދިވެހިރާއްޖޭގެ މުހިންމު ވާހަކަތަކެއް ބުނެދޭ، ތާރީހީ ތަރިކައަކަށެވެ.

މި ސަރަހައްދު ރައްކާތެރިކަމާއެކު ގިނަ ދުވަހަށް ދެމެހެއްޓޭނެ ފަދައިން ހިމާޔަތްކުރުމުގެ ގޮތުން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު، ސަރުކާރުން ވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަނުގެ ލިސްޓުގައި މި އުޅަނދު ވެސް ހިމެނިކަން އިއުލާން ކޮށްފައެވެ.

މޯލްޑިވްސް ވިކްޓްރީއަށް 45 އަހަރު ފުރޭ މި ދުވަސް ފާހަގަ ކުރަނީ ޑައިވް ކްލަބް މޯލްޑިވްސްގެ ފަރާތުންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ހަސްރަތު (ހައްތު) ވަނީ އޭނާގެ ތަޖުރިބާ ފިޔެސް އާ ހިއްސާ ކޮށްފައެވެ. ހައްތު ވަނީ ޑައިވަރެއްގެ ގޮތުގައި 33 ވަރަކަށް އަހަރު ހޭދަކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ މޯލްޑިވްސް ވިކްޓްރީ ކައިރިއަށް ފީނީ 1994 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް 300 އަށްވުރެ ގިނަ ޑައިވް އެ ބޯޓު ކައިރިއަށް ކޮށްފައިވާނޭ ކަމަށް ހައްތު ބުންޏެވެ. 

ކޮމެންޓް