
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ.
މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބް އުޝާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް އެބަހުރި ކަމަށާއި، އެފަދަ ވޯޓެއް ނެގުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ރައްޔިތުންގެ ހިޔާލުހޯދުމަށް ނަގާ ވޯޓާ ގުޅޭ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް މަދުވެގެން 45 ދުވަހުގެ މުއްދަތެއް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ އެއީ އެފަދަ އިންތިހާބެއް ބާއްވަން އެކަށީގެންވާ މުއްދަތެއް ކަމަށެވެ.
އަދި ރިފަރެންޑަމަކީ ހުރިހާ ރަށެއްގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާ އެކީގަ ކުރިއަށްދާ ކަމެއްކަން ފާހަގަކުރައްވާ ހުރިހާ ރަށެއްގަ މިފަދަ ކަމެއް ހިނގާއިރުގައި ވަރަށްބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކުގައި ބާއްވައިފިނަމަ ހަރަދު ނިސްބަތުން ވަރަށް ބޮޑުތަނުން ކުޑަވެގެންދާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
"އެ ތާރީހަކީ މިސާލަކަށް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ދުވަސްކަމުގައި ވަނީނަމަ އެއީ ގާނޫނާ ފުށުއަރާ ކަމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި މިފަދަ ކަމެއް ކުރާނަމަ އެންމެ ރަނގަޅުގޮތަކީ އިންތިޚާބެއް ކުރިމަތީގައި އޮތްކަމުގައި ވަނީނަމަ އެ އިންތިހާބާއެކީގައި އެކަން ކުރުން. އެއީ އިލެކްޝަންސް ކޮމިޝަނުންވެސް ފާހަގަކުރައްވާފައި ވާފަދައިން ވަކިން މިކުރާނަމަ ވަރަށް ބޮޑު ހަރަދެއް އެބަހިނގާ،" ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ރިފަރެންޑަމް ވަކިން އެހެން ދުވަހެއްގައި ބާއްވާ ނަމަ 60 އާއި 80 މިލިޔަން ރުފިޔާ އާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށާ، އެކަމަކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު އެ ރިފަރެންޑަމް ބާއްވާ ނަމަ އިތުރަށް ބޭނުންވާނީ 20 މިލިޔަން ރުފިޔާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ރިފަރެންޑަމް ނަގާނަމަ، އެންމެ ލަސްވެގެން ވެސް މި މަހުގެ 18 ގެ ކުރިން ގާނޫނުއަސާސީއަށް ބަދަލުގެންނަން ޖެހޭނެ ކަމަށާ، ގާނޫނުއަސާސީއަށް އެ ބަދަލު ގެނެސްފި ނަމަ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންކަން އީސީން ކުރިއަށް ގެންދާނެ ކަމަށްވެސް ޒާހިދު ވިދާޅުވި އެވެ. އެހެންނަމަވެސް، އެކަން ކުރުމަށްޓަކައި އެންމެ މަދުވެގެން ވެސް ވޯޓުގެ ކުރިން 45 ދުވަސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ކުރާއިރުގައި ގާނޫނުގައި އެ ބުނާ ގޮތަށް އެންމެ ލަސްވެގެން، 45 ޑޭސް [ދުވަސް] އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ އެކަން ކުރުމަށްޓަކައި، ދެން ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބާ މި ދޭތި އެއްވެގެން އަޅުގަނޑުމެންނަށް ބޭއްވޭނީ އެންމެ ފަހުގެ ތާރީހަކަށް ވެސް ފެބްރުއަރީ 18، ގައި އަޅުގަނޑުމެންނަށް އެކަން ނިމިގެން އަންނަން ޖެހޭނެ، މި ދެންނެވި ހުރިހާ މަރުހަލާތަކެއް ނިމިގެން،" ޒާހިދު ވިދާޅުވި އެވެ.
ރިފަރެންޑަމް ބޭއްވުމާ ބެހޭ ގާނޫނުގައި ބުނާ 45 ދުވަހަކީ ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން އެކަށީގެންވާ ވަގުތެއްތޯ، ގަލޮޅުދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ޒާހިދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ ގާނޫނުގައި އޮތް ގޮތަށް އީސީން އަމަލުކުރާނެ ކަމަށެވެ.




