މި އިންތިހާބުގެ ވޯޓުކަރުދާސްކޮޅު އޮންނާނެގޮތް އާންމުންނަށް ދައްކާލުމަށް އީސީން ހިންގި ހަރަކާތެއް
މާދަމާގެ އިންތިހާބުތަކަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި
މާދަމާ ތިން އިންތިހާބު ބާއްވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް ދުވަހެއްގައި ތިން އިންތިހާބު ބާއްވާ ފުރަތަމަފަހަރު
ޖުނާން އަޙުމަދު 3 އޭޕްރީލް 2026 (ހުކުރު)   09:59
މާދަމާ ބާއްވާ ތިން އިންތިހާބުގައި ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އީސީ (އިލެކްޝަންސް ކޮމިޝަން) އިން ހާމަކޮށްފި އެވެ.

މާދަމާ ބާއްވާ ތިން އިންތިހާބަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

ރޭ އީސީ އިން ހާމަކުރި ތަފާސްހިސާބުތަކުގައި، ވަކިވަކި އިންތިހާބުތަކަށް ޗާޕްކުރި ވޯޓު ކަރުދާސްތަކުގެ އަދަދާއި، ދާއިރާތަކަށް ހާއްސަކުރި ކަރުދާސްތަކުގެ ތަފްސީލު ވެސް ހިމަނައިފައި ވާއިރު، އެ ވޯޓު ކަރުދާސްތައް ޗާޕްކޮށްފައި ވަނީ ނޮވެލްޓީ އިން ކަމަށް ވެސް އެ ކޮމިޝަނުން  ވަނީ ހާމަކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 297،959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 292،706 ކަރުދާސް ޗާޕްކޮށްފައިވާ ކަމަށާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް 298،180 ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް ވެސް އީސީން އާންމުކުރި ތަފާސްހިސާބުގައިވާ ވެއެވެ.

އަދި، މި ތިން އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 588 މަރުކަޒު ގާއިމްކުރާނެ ކަމަށާ، މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމްކުރަން ނިންމައިފައި ވާއިރު، މި ތިން އިންތިހާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށް ވަކިވަކިން ތިން ވޯޓު ކަރުދާސް ދިނުމަށް ނިންމައިފައިވާ ކަމަށް ވެސް އީސީން ބުނެއެވެ.

ކޮންމެ ވޯޓު ކަރުދާހެއްގެ ނުފުށުން އެއީ ކޮން އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެނގޭނެ ކަމަށާ، އަދި އެ ދާއިރާއެއްގެ މައުލޫމާތު ވެސް ވޯޓު ކަރުދާހުގެ ނުފުށުން އެނގޭނެ ގޮތަށް އެ ކައުދާސްތައް ތައްޔާރުކޮށްފައި ވާއިރު، ވޯޓު ކަރުދާސްތައް ވައްޓާލުމަށް އެކި ކުލަކުލައިގެ ފޮށިތައް ބޭނުންކުރުމަށް ވެސް އީސީން ވަނީ ނިންމައިފައި ކަމަށް އެ އިދާރާއިން ބުނެއެވެ.،

އެގޮތުން ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލުމަށް، ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓެއް ހަމަޖައްސާފައި ވާއިރު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަކަށެވެ. އަދި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލުމަށް ހާއްސަކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަކަށް ކަމަށް ވެސް އީސީން ބުންޏެވެ.

ކޮމެންޓް