
ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމީ އިއްޔެ އެވެ.
ސުޖާތާ އިސްތިއުފާ ހުށަހެޅުއްވީ، އެ މުއާމަލާތް ކުރިއަށް ގެންދިޔުން ގަބޫލު ނުކުރައްވާތީ މިއަދު އެވެ. ސުޖާތާއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ފަސް ވަނަ ބޭފުޅާ އެވެ.
ޕެންޝަން އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަސްމީކޮށް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.
ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.
ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށެވެ. މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު މޮޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ދައްކަނީ މި އިންވެސްޓުމަންޓުން ޑޮލަރު ލިބުމެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ،" ޕެންޝަން އޮފީހުގައި ބަޔާނުގައި ވެއެވެ.
ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ބޯޑުގައި ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މި މުއާމަލާތުގެ ސަބަބުން އިގުތިސޯދަށް ހުރި ހިރާސްތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ އަގު އުފުލުމާއި ތަކެތީގެ އަގު އުފުލުން ހިމެނެއެވެ.




