މުހައްމަދު މާދިން ލަތީފު.--
ޕެންޝަން އޮފީހުގެ ބޯޑު މެންބަރު މާދިން ވެސް އިސްތިއުފާ ދެއްވައިފި
މަރްޔަމް މުޙައްމަދު 5 ފެބްރުއަރީ 2026 (ބުރާސްފަތި)   19:41
ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ޗާޕްކުރަން މަގުފަހިކުރި މުއާމަލާތާ މެދު ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ އެކި ބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ޕެންޝަން އޮފީސް ބޯޑު މެންބަރު މުހައްމަދު މާދިން ލަތީފު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މާދިން އިސްތިއުފާ ދެއްވީ އިއްޔެ ކަމާއި އިސްތިއުފާ ދެއްވި ސަބަބަކީ "ސަރުކާރުން ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ޕެންޝަން އޮފީސް މެދުވެރިކޮށް ކުރިއަށް ގެންދާތީ އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން" ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މާދިންއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދެއްވި ހަ ވަނަ ބޭފުޅާ އެވެ.

މީގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމްގެ އިތުރުން އެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު ހައްވާ ފަޖުވާ އަދި ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ ހަމަ އެ މައްސަލައިގައި އިސްތިއުފާ ދެއްވާފައެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެންބަރެއްގެ މަގާމަށް މާދިން ލަތީފް އައްޔަނުކުރީ 2025 މެއި 13 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ ބޯޑުން މާދިން އިސްތިއުފާދެއްވިއިރު ޕެންޝަން އޮފީހުން މިމަހުގެ 3 ވަނަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަސްމީކޮށް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.

ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.

ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށެވެ. މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު މޮޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ދައްކަނީ މި އިންވެސްޓުމަންޓުން ޑޮލަރު ލިބުމެވެ.

"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ،" ޕެންޝަން އޮފީހުގައި ބަޔާނުގައި ވެއެވެ.

ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ބައެއް ބޭފުޅުން ވަނީ، މި މުއާމަލާތުގެ ސަބަބުން އިގުތިސޯދަށް ހުރި ހިރާސްތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ އަގު އުފުލުމާއި ތަކެތީގެ އަގު އުފުލުން ހިމެނެއެވެ.

ކޮމެންޓް