ރައީސް މުޙައްމަދު ނަޝީދު.--
ޕެންޝަން ފަންޑުގައިހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށްބޮޑު ގޯހެއް
އަޅުގަނޑުމެން މިދަނީ ކަނު ބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓެން – ރައީސް ނަޝީދު
ހަސަން އިބްރާހީމް 3 ފެބްރުއަރީ 2026 (އަންގާރަ)   17:02
ޕެންޝަން ފަންޑު އުފެއްދި މައިގަނޑު މަގުސަދާ ޚިލާފަށް، އެ ފަންޑުން ފައިސާ ނަގައިގެން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތު ހަލާކުވެގެން ހިނގައިދާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު އެކުލަވާލައި އަމަލުކުރަންފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުއެވެ. އެ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ މީހުންގެ މުސާރައިގެ %14 ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހެއެވެ. އޭގެތެރެއިން %7 އަކީ ވަޒީފާ އަދާކުރާ މީހާގެ މުސާރައިން އުނިކުރާ ބައެވެ. އަނެއް %7 ޕަސެންޓަކީ ވަޒީފާ ދޭ ފަރާތުން ޖަމާކުރާ ބައެވެ.

މިކަން ފާހަގަކުރައްވާ، ނަޝީދު މިއަދު ވިދާޅުވީ، އެ ފަންޑަކީ ދޮށީ އުމުރުގައި ޕެންޝަން ދިނުމަށް ރައްކާކުރާ ފައިސާ ކަމަށެވެ. އެހެންކަމުން، އެ ފައިސާ އިންވެސްޓް ކުރަންވާނީ ފައިދާވާ ރަނގަޅު ކަންކަމަށް ކަމަށާއި، ސަރުކާރުގެ މުސާރަ ދިނުމަށާއި ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް އެ ފައިސާ ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ. އަޅުގަނޑުމެން މިދަނީ ކަނު ބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓެން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޕެންޝަނުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަންގެ ބޯޑުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެ މުއާމަލާތް ހިންގުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން، ޕެންޝަން އޮފީސް ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި، ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ ހަމަ އެ މައްސަލައިގައި އިސްތިއުފާ ދެއްވައިފަ އެވެ.

އަދި އޭގެ އިތުރުން، ފައިސާ ޗާޕު ކުރުމުގެ މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއި ކުރައްވަން ދެކޮޅު ހެއްދެވުމަށްފަހު ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަން އޮފިސަރު ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ރައްޔިތުންގެ ހައްގާ ގުޅިފައިވާ ޕެންޝަން ފަންޑު މިގޮތަށް ބޭނުންކުރާތީ މާލީ އަދި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ބައެއް ބޭފުޅުން މިކަމަކީ "ފައިސާ ޗާޕުކުރުން" ކަމަށް ވިދާޅުވާއިރު ރައީސް ޔާމީން ސިފަކުރައްވާފައިވާ ގޮތުގައި ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް "މަނީ ލޯންޑާ" ކުރަނީއެވެ.

ކޮމެންޓް