ދުނިޔޭގެ އެކި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަންކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކު އެކުލަވާލާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖޭގެ ނަތީޖާ އަދިވެސް ކަންބޮޑުވާހާ ދަށުގައި އޮތްކަން މިދިޔަ އަހަރުގެ ނަތީޖާއިން ދައްކައިފި އެވެ.
މި އިންޑެކްސްގައި 39 ގެ ނަތީޖާއަކާއެކު، މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ކަންބޮޑުވާންޖެހޭ ދަށް މިންވަރެއްގައި ހުރީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ.
މި ނަތީޖާއާއެކު ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ދެނެގަތުމަށް، ދާދިފަހުން ހިންގުމުގެ ނިޒާމަށް، ގާނޫނުތަކަށް އަދި މުއައްސަސާތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
އެގޮތުން ޓްރާންސްޕޭރެންސީން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި "ސްޓޭޓް ކެޕްޗާ" ގެ ނުރައްކަލާއި، މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ، ތިމާވެށި އަދި އިގުތިސާދީ ކަންކަން ބަލަހައްޓާ ނިޒާމު އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ޒިންމާދާރުކޮށް، އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ހިމެނެ އެވެ.
ޓްރާންސްޕޭރެންސީއިން ފާހަގަކުރި، ކަންބޮޑުވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
1. ބާރުތައް އެއްކުރުމާއި 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ
- މިފަހުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ބާރުތައް ވަރަށް ބޮޑަށް ޖަމާކުރެވި، 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ ވަނީ އިތުރުވެފައި
- ނޮވެމްބަރު 2024ގައި އަވަސް ގޮތަކަށް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވެ، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ވަނީ ހަނިވެފައި
- ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުން ފަދަ ޝަރުއީ ދާއިރާއަށް އައި ބަދަލުތަކުގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަމަށް ބުރޫއަރައި، ޝަރުއީ މަރުހަލާތަކަށް ވެރިކަން ހިންގާ ބާރުގެ ނުފޫޒު ފޯރުވުމުގެ މަގުތައް ވަނީ ހުޅުވިފައި
- ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ގާނޫނުތަކަށް ގެނައި އިސްލާހުތަކުގެ ސަބަބުން އިދާރީ ހިންގުމާއި ގޮތް ނިންމުމުގެ މުހިންމު ބާރުތައް ކައުންސިލްތަުގެ އަތުން މަރުކަޒީ އިދާރާތަކަށް ވަނީ ބަދަލުކޮށްފައި؛ އެއާ އެކު ރަށު ފެންވަރުގައި ކަންކަން ނިންމުމުގެ ބާރުތަކާއި މުޖުތަމައުގެ ބައިވެރިވުމާއި ފާރަވެރިވުން ކުޑަވި
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެނައި ބަދަލުތަކާ އެކު ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް؛ މީގެ ސަބަބުން މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުމުވެ ފުރުސަތު ލިބި، އެ މުއައްސާތަކުގެ މުސްތަގިއްލުކަން ގެއްލޭ؛ މިފަދަ ފާރަވެރި މުއައްސަސާތަކުގެ މިނިވަންކަން ކުޑަވުމަކީ 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ އިތުރުވެ، ހާމަކަން ކުޑަވާ ކަމެއް
2. މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ
- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު ފާސްވުމާ އެކު މަދަނީ މާހައުލާއި މީޑިއާއަށް އޮތް ހުރަސްތައް ވަނީ އިތުރުވެފައި؛ އާ ކޮމިޝަންގައި ސީދާ ރައީސް އައްޔަންކުރައްވާ ތިން މެމްބަރުން ތިބުމުން މީޑިއާ ބަލަހައްޓާ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަން މަގުފަހިވޭ
- އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާ މެދު ގޮތެއް ނިންމަން އަވަސް އަރުވާލައިގެން ކުރިއަށްގެންދިޔަ ފެންނަ ނުފެންނަ ވޯޓުން ވެސް ހާމަވީ، މިފަދަ މުހިންމު ނިންމުންތަކުގައި އާންމުންގެ މަޝްވަރާ ހޯދުމުގެ ފުރުސަތު ހަނިވެފައިވާ މިންވަރު
3. ތިމާވެއްޓާއި އިގްތިސާދީ ކަންކަން ބަލަހައްޓާ ނިޒާމު
- ހިންގުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ތިމާވެއްޓާ ގުޅުންހުރި ކަންކަމާއި އިގްތިސާދީ ކުރިއެރުންތަކަށް އަސަރުުކޮށް، ކޮރަޕްޗަނަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު
- މި ބައިގައި ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އީޕީއޭގެ ބޯޑު އުވާލައި، ޓޫރިޒަމްގެ ދަށަށް، ބަދަލުކުރުމާއި އީއައިއޭ ނުހަދައި ބައެއް މަޝްރޫއުތައް ކުރިއަށްގެންދެވޭ ގޮތަށް އީއައިއޭ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނައުން ހިމެނޭ
- ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމާއި ތަރައްގީގެ މަޝްރޫއުތައް ބެލެހެއްޓުމުގައި ހުރި ހިންގުމުގެ ބަލިކަށިކަން؛ މުއައްސަސާތަކުގެ ބެލެހެއްޓުން ބަލިކަށިވުމާއި ޕްރޮކިއުމަންޓް އުސޫލުތަކާއި މުވައްޒަފުން ނެގުމުގެ ކަންކަމުގައި ހާމަކަން ކުޑަވުމުގެ ސަބަބުން ދައއުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަން މަގުފަހިވޭ
4. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން، ޒިންމާދާރު ކުރުވުން އަދި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް
- ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމާއި ޒިންމާދާރު ކުރުވުން ކަށަވަރު ކުރުމުގައި ދާއިމީ ގޮންޖެހުންތަކެއް އެބަހުރި
- ސިޔާސީ ނުފޫޒުން ނިންމާ ނިންމުންތަކުގެ ސަބަބުން ނޭދެވޭ އަމަލުތައް ހުއްޓުވުމެއް ނެތި ހިންގުމަށް މަގުފަހިވެ، ދައުލަތުގެ މަސްއޫލުވެރިންނަށް އެއްވެސް ޖެހިލުމެއް ނެތި (އަދަބެއް ލިބިދާނެކަމުގެ ބިރެއް ނެތި) އަމަލުކުރުމުގެ ފުރުސަތު ލިބޭ
- ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ މީހުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ރައްކާތެރިކަން ތަންފީޒު ނުކުރެވޭތީ މައްސަލަތައް ރިޕޯޓުކުރަން މީހުން ފަސްޖެހޭ
އެކަންކަން އިސްލާހުކުރަން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ވަނީ ބައެއް ކަންތައްތައް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި:
- މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާބިލުކަމަށް ބެލުން
- ދައުލަތުގެ މުހިންމު މުއައްސާސަތަކުގެ މިނިވަންކަމާއި ވަކި ފަރާތަކަށް ނުޖެހޭކަން ކަށަވަރުކުރުން
- ކައުންސިލްތައް ބާރުވެރި ކުރުވުމަށާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުސޫލުތައް ނެގެހެއްޓުން
- ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދި އަސާސީ އެހެނިހެން މިނިވަންކަން ރައްކާތެރިކުރުން
- ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުން
- ކުށްކޮށްފައި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުން
- ސަރުކާރު ކުންފުނިތަކުގެ ހާމަކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުން
.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ދަށް ނަތީޖާއެއް ލިބިފައިވާއިރު، ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތާށިވެފައި ހުރިކަން ފާހަގަކުރެވެއެވެ.