މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މައުމޫން.-
މައުމޫންގެ މައްޗަށް ރިޝްވަތު ދައުވާތައް ސާބިތެއްނުވި
ސާބިތުނުވާކަމަށް ނިންމި 5 ދައުވާ އިސްތިއުނާފުކުރުމަށް ގަސްދުކުރަން - ޕީޖީ
މަރްޔަމް މުޙައްމަދު 22 ޖެނުއަރީ 2026 (ބުރާސްފަތި)   17:30
ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މައުމޫނުގެ މައްޗަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުރިއިރު ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ މައްސަލާގައެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ކުރިއިރު އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއްވާފައެވެ.

ދެން އޮތް ފަސް ދައުވާ ނިންމާ ކޯޓުން އިއްވި ހުކުމުގައިވަނީ އެ ދައުވާތަކުގެ ރުކުންތައް މައުމޫންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އެގޮތަށް ނިންމީ ދައުލަތުން ހުށަހަޅާފައިވާ ގޮތަށް މައުމޫންގެ އަމިއްލަ އެކައުންޓަށް އެ ފައިސާ ވަދެފައިވާކަން އެނގެން ނެތް ކަމަށް ބޫލުކުރެވޭތީ ކަމަށް ހުކުމުގައިވެއެވެ. 

މައުމޫންގެ މައްޗަށް އުފުލި ދައުވާތައް

  • އޭނާގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރިލް 7، 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
  • ދެވަނަ ދައުވާ ކުރީ ޖޫން 2016 ގައި މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކުރުމާއި ހަމަ އެ މުއްދަތުގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
  • މައުމޫންގެ މައްޗަށް ތިންވަނަ ދައުވާ ކުރީ އޯގަސްޓު 4، 2016 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،949.50 ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
  • ހަތަރުވަނަ ދައުވާ އުފުލީ އޭޕްރިލް 9، 2017 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
  • އޭނާގެ މައްޗަށް ފަސްވަނަ ދައުވާ ކުރީ މެއި 31، 2017 ގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި މައުމޫންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 46،555 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
  • ހަވަނަ ދައުވާއެއް އޭނާގެ މައްޗަށް އުފުލީ އޯގަސްޓު 23، 2017 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،955 ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
  • އޭނާގެ މައްޗަށް ދައުލަތުން ހަތްވަނަ ދައުވާ އުފުލީ އޮކްޓޫބަރު 8، 2017 ގައި މައުމޫންގެ އެއްބަފާ ބޭބެ، އަހުމަދު ހަމީދު، ހ. ހެންވޭރުފެހި، ކ. މާލެ ގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 34،950 ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

-

މީގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ 29 ސެޕްޓެމްބަރު 2025 ގައެވެ. ސާބިތުނުވާ ފަސް ދައުވާ ހައި ކޯޓުގައި އިސްތިއުނާފު ކުރާނީ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށް ޕީޖީއިން ބުނެއެވެ.

"މި ފަސް ދައުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މި އޮފީހަށް ބެލެވޭ،" ޕީޖީއިން ބުނެފައިވެއެވެ. 


ކޮމެންޓް