
މިކަން ފަޅާއެރީ އެމެރިކާގެ ސެނެޓުން ފާސްކޮށް ހުކުރުދުވަހު އާންމުކުރި އެތައް މިލިއަން ލިޔެކިޔުމެއް ހިމެނޭ "އެޕްސްޓީން ފައިލްސް" އިންނެވެ.
ރައީސް ވަހީދު ވެރިކަމަށް ވަޑައިގެނެވުމަށް ފަހު، 2014 ވަނަ އަހަރު އެޕްސްޓީންއާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރެއްވުމުގެ ގޮތުން އެމަނިކުފާނު ފޮނުއްވި މެއިލްގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ހުށަހެޅީ ރ. ފުއްގިރި އެވެ.
ފުއްގިރީގެ ވާހަކަ އެޕްސްޓީން އާއި ވަހީދު ހިއްސާކުރެއްވި އިރު "އެޕްސްޓީން އައިލެންޑް" ގެ ނަމުގައި ޔޫއެސް ވާޖިން އައިލެންޑްސް ގައި އޭނާ ތަރައްގީކޮށްފައިވާ ޕްރައިވެޓް އައިލެންޑްގައި، ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް އެރަށުގައި ޖިންސީ ގޯނާކޮށް އަނިޔާކުރި ވާހަކަ އޮތީ އާންމުވެފަ އެވެ. އެ ރަށަށް ކުދިން ޓްރެފިކް ކޮށްގެން ގެންގޮސް ޖިންސީ ގޯނާ ކުރާ ކަމުގެ އަޑުތައް އޭރު މާ ރަނގަޅަށް ވެސް ފެތުރިފައި ވެއެވެ.
އެރަށަށް ޗުއްޓީ ހޭދަ ކުރުމަށާއި ޕާޓީ ކުރަން ދިޔަ މަހުޖަނުންނާއި ނުފޫޒުގަދަ މީހުންނާއި ޝާހީ އާއިލާތަކުގެ މެންބަރުން ވެސް އެކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ދައުވާ، ވަހީދުގެ މުއާމަލާތްތައް ފެށުމުގެ 6 އަހަރު ކުރިން ފްލޮރިޑާގައި ކުރިއަށް ދެއެވެ، އަދި އެކަމާ ގުޅޭ މީޑިއާ ރިޕޯޓުތަކާއި ކޯޓު ޑޮކިއުމެންޓުތައް ވެސް އޭރު ވަނީ އާންމުވެފަ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެތައް މިލިއަން ލިޔެކިޔުމެއްގެ ތެރޭގައި ވަހީދު އެޕްސްޓީން އާއެކު ފުއްގިރީގެ ވާހަކަ ދައްކާފައިވާ އަށް ޑޮކިއުމެންޓެއް ހިމެނޭއިރު، ފުއްގިރި އާއި ކ. އިންނަހެރެ ފަޅުގައި ފަސް ރަށް ތަރައްގީކުރުން ހިމެނޭ ވަކި ދެ މަޝްރޫއެއްގެ ވާހަކަ ވަހީދު އެންމެ ފުރަތަމަ އެޕްސްޓީން އާ ހިއްސާކުރީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަން އޭރު ފޮނުވި މެއިލް ތަކުން އެނގެން އޮވެއެވެ.
އޭގެތެރެއިން ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ވަހީދު ހިމަނާފައިވަނީ "ވީވީއައިޕީ" އިންނަށް ހާއްސަ ރަށެއްގެ ގޮތުގައި ކަމަށާއި އެ ރަށް މާކެޓު ކުރާނީ މުޅި ރަށް އެކީ ޗުއްޓީ ހޭދަކުރަން އެދޭ މަހުޖަނުންނަށް ވިއްކުމަށް ކަމަށް ވެސް ވަހީދު ވިދާޅުވިކަން، ފަޅާއެރި މެއިލްތަކުން ހާމަވެއެވެ.
އެކި އެކި ހިޔާލުތައް ހުށަހަޅުއްވަމުން ފުއްގިރި އާއި ބެހޭގޮތުން ވަހީދު ފޮނުއްވި މެއިލްތަކަށް އެޕްސްޓީން ފޮނުވި ޖަވާބުގައި، އެ މަޝްރޫއުތަކަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދުގެ ވާހަކަ އަހާފައިވާތީ އެކަމާގުޅޭގޮތުން ރާއްޖެ އައުމަށް ވަހީދު ދައުވަތު ދެއްވިއެވެ. ނަމަވެސް އެ ދައުވަތާ ގުޅިގެން އޭނާ ރާއްޖެ އައިކަމެއް ނުވަތަ ނޫންކަމެއް ވެސް ޔަގީނެއް ނުވެއެވެ.
ނަމަވެސް އެޕްސްޓީން އަދި އޭނާގެ ގާތް މީހުންނާ ވަހީދު އާއި، އާއިލާގެ ބައެއް މެންބަރުން ބައްދަލު ކުރިކަން އެ ފައިލްތަކުން ހާމަވާއިރު، ވަހީދުގެ ދަރިފުޅު، ޖެފްރީ ސާލިމް ވަހީދު އާއެކު ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގައި 2014 ގައި ބައްދަލުކުރި ކަމާއި އެ ނޫންވެސް އެތައް ފަހަރަކު އެޕްސްޓީން އާއި ވަހީދު ބައްދަލުކުރެއްވިކަން ވެސް އެނގެން އޮވެއެވެ.
މި ލިޔެކިޔުންތަކާއި ވީޑިއޯތައް ހާމަކޮށްފައި މިވަނީ، މިދިޔަ އަހަރު އެމެރިކާ ސަރުކާރުން ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. އެގޮތުން އެ މައުލޫމާތުތަކުގެ ތެރޭގައި ތިން މިލިއަން ސަފުހާގެ ލިޔެކިޔުމާއި، 180،000 ފޮޓޯ އަދި 2،000 ވީޑިއޯ ހިމެނެއެވެ.
މި ލިޔެކިޔުނަތަކަށް ބަލާއިރު ކުރީގެ ރައީސް ވަހީދު އާ އެޕްސްޓީން އާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެގެން ޖަރީމާތަކެއް އެ ދެފަރާތުން ވެސް ހިންގުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފަޅާއަރާފައި ވާއިރު ވެސް ރައީސް ވަހީދު އަދިވެސް ހުންނެވީ ރައީސް މުއިއްޒުގެ ހާއްސަ މަންދޫބުގެ މަގާމުގައި ކަން ފާހަގަކޮށްލެވެއެވެ.




