
ޝާހިދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު، އަވަސް އަރުވާލައިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ޤާނޫނީ ހެދުން އަޅުވައިގެން ޤާނޫނު އަސާސީ ކަތިލުމަށް ކުރައްވާ ކަމަކީ ވެރިކަމުގެ ބާރު ދާއިމީ ކުރުމަށް ދައުރު ދިގު ދަންމާލުމަށް އަޅުއްވާ ފުރަތަމަ ފިޔަވަޅު ކަމަށާއި މި ފިޔަވަޅު ނިމޭ ހިސާބަކީ ދިގުދެމިގެންދާ ޚުދުމުޚުތާރު އަނިޔާވެރި ބިރުވެރި ވެރިކަމެއް ފެށޭ ހިސާބު ކަމަށެވެ.
"ރައީސް މުއިއްޒު ރައްޔިތުން ދެކެ، ވޯޓު ފޮށި ދެކެ މި ގަންނަނީ އަމަށަކު ބިރެއް ނޫން. ވަކިވަކިން ބާއްވާ ދެ އިންތިޚާބަކީ ރައްޔިތުންނަށް ދެ ފަހަރު މަތިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުޞަތެއް. ރައްޔިތުން އަތުން ބާރުތައް ފޭރިގަނެ، ވޯޓުން ވެރިކަން ބަދަލު ކުރެވޭނެ މަގު ހަނިކޮށް، ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން. މިއީ ބަޣާވާތެއް" ޝާހިދު ވިދާޅުވެފައި ވެއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިން ބަޣާވާތް ކުރަނީ ރައްޔިތުންގެ ވެރިކަމަށް ފުރުޞަތު ނުދީ، މުއިއްޒު ވެރިކަމުގައި ދާއިމީކޮށް ބެހެއްޓުމަށެވެ.
ޤާނޫނާއި ޤާނޫނު އަސާސީ ފުނޑުފުނޑުކޮށްލައިގެން ވެރިކަމުގައި ތާއަބަދު ހުންނެވޭނެ ކަމަށް ގަބޫލުކުރެވުމަކީ ގޯހެއް ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ދިވެހިން އެކަމާ ދެކޮޅަށް ނުކުމެ އިހުތިޖާޖު ކުރާނެ ކަމަށެވެ.




