ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު - ފޮޓޯ: އެމްޑީޕީ
މުއިއްޒު ހަމަ މަގަށް ނާޅުވައިފިނަމަ، ދިގު ވެރިކަމެއްކުރުމަށް ގާނޫނުތައް ފުނޑުކޮށްލާނެ
މަރްޔަމް މުޙައްމަދު 10 ފެބްރުއަރީ 2026 (އަންގާރަ)   12:31
ރައްޔިތުން ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ، މުހައްމަދު މުއިއްޒުއަކީ ދިގުދެމިގެންދާ ވެރިކަމެއް ކުރުމުގެ މަގުސަދުގައި، ގާނޫނުތައް ފުނޑުފުނޑުކޮށްލައްވާނެ ބޭފުޅެއް ކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާގުޅޭގޮތުން ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ސަރުކާރުން ގާނޫނުއަސާސީއާ ކުޅެމުންދަނީ ރިޔާސީ ދައުރު ދިގުކުރުމަށް ކަމަށާ، އެގޮތުން ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ މައުލޫގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްފިނަމަ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭތީ އެ ދައުރު ދިގުކުރުމުގެ ވިސްނުން ވެސް މި ސަރުކާރުން ގެންގުޅޭކަމަށެވެ.

އެހެންކަމުން، ރައްޔިތުން ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ، މުހައްމަދު މުއިއްޒުއަކީ ދިގުދެމިގެންދާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ހުންނަވާނެ ބޭފުޅެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ރައްޔިތުން އަޅުގަނޑުމެންނާއެކު ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިކަމުގައިވާނަމަ، ރައީސުލްޖުމްހޫރިއްޔާއަކީ ދިގުދެމިގެންދާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް." - މައުރޫފް ޒާކިރު

ދައުރު ދަންމާލަން މުއިއްޒު ބޭނުންފުޅު ވެލައްވަނީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް މި ދައުރު ނިމެންވާއިރަށް ވެސް ނުފުއްދޭނެތީ ކަމަށް ވިދާޅުވެ، މައުރޫފް ވިދާޅުވީ މިއީ އެކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ އިހުތިޖާޖު ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައިސް ރައްޔިތުންގެ ހަގީގީ ބާރު ބެނުންކޮށްލަން އެ ރައްޔިތުންނަށް ލިބޭ ހަމައެކަނި ފުރުސަތަކީ ވޯޓުލުމުގެ ފުރުސަތު ކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ، އެހެން ނަމަވެސް މި ސަރުކާރުން މިވަނީ، އެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަށް މަސައްކަތް ފަށާފައި ކަމަށެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކޮށްލާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަކީ އެއައް އެއްވެސް އިސްލާހެއް ނުގެނެސް މިހާރު ފާސްކޮށްފައިވާ އެއްޗެއް ކަމަށްވާއިރު، މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރުމަށް އެ ބިލުގައި ހިމަނާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މި ބަދަލު އައިސްފިނަމަ، 20 ވަނަ މަޖިލީހުގެ އުމުރު ޑިސެމްބަރު 1، 2028، އަށް ހަމަވާއިރު، މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ. އަދި އޭގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެއެވެ.

ކޮމެންޓް