ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.--
މަޖިލިސް އިންތިހާބު ބާއްވަންވީ ދައުރުގެ މެދުތެރެއިން: ރައީސް ސޯލިހު
ހަސަން އިބްރާހިމް 16 ފެބްރުއަރީ 2026 (ހޯމަ)   00:21
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު މިހާރު އޮންނަ މުއްދަތް ވެސް ގޯސް ކަމަށާއި އެންމެ ރަނގަޅު އެއްގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ފައްޓަވާފައިވާއިރު، ޅ.ކުރެންދޫގެ އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް އާދީއްތަ ދުވަހު ހަވީރު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވަނީ އެ މަނިކުފާނު އެ ކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފަ އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރާ ގޮތްވެސް އެ މަނިކުފާނަށް ރަނގަޅެއް ނޫނެވެ. ސަބަބަކީ، ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާތާ ތިން މަސް ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާއިރު، އެ މަޖިލިސް އޮންނަނީ ރައީސްގެ ބާރުގެ ދަށުގައި ކަމަށެވެ. މިހާތަނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ފެނުނީ އެ މަންޒަރު ކަމަށް ސޯލިހު ވިދާޅުވިއެވެ.

"ރައީސް ޔާމީން އިންތިހާބުވެވަޑައިގަތުމަށް ފަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބޮޑުކޮށް ރައްޔިތުންގެ މަޖިލިސް ނެގި. ދެން އައީ އަޅުގަނޑުގެ ވެރިކަމުގެ ދުވަސްވަރު، 2018 ގައި އަޅުގަނޑު އިންތިހާބުވުމަށް ފަހު 2019 ގައި އަޅުގަނޑު ނެގިން ޔާމީނަށް ވުރެ ގިނައިން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ. ދެން މި އައީ ރައީސް މުއިއްޒު،" ސޯލިހު ވިދާޅުވިއެވެ. "ރައީސް މުއިއްޒު ނަގައިފި އެ އަށް ވުރެ ގިނައިން. މާ ގިނައިން ނަގައިފި."

ރައީސް ސޯލިހު ވިދާޅުވީ، ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހާސިލް ކުރެއްވޭ ވަރު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި އެއްގޮތަކީ ދެ އަހަރު ބައި ހޭދަކުރައްވާފައި ނުވަތަ މިޑްޓާމް އިލެކްޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން ކަމަށެވެ. އަނެއް ގޮތަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފަހު، މަޖިލިހުގެ ދައުރު ދެ އަހަރު ބަޔަށް ކުޑަކޮށްލުމެވެ.

"އެއަށްފަހު ދެ އަހަރު ބައިކޮށްފައި އަނެއްކާ ވޯޓަކަށް ދާނީ. ހަމަ ގައިމު ވެސް ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރު ދުވަހު އެ މަސައްކަތް ކުރާއިރު ވަކި ހިސާބަކުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް އެބަ ހަދަންޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީ ނުކުރެވޭ ކަމަށާއި ކޮންމެވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އެކަމަކު، މިހާރު އެ ކަމަށް ސަރުކާރުން ހުށަހަޅާފައި ވަނީ އެންމެ ރަނގަޅު ބަދަލު ނޫން ކަމަށް ވިދާޅުވިއެވެ.

އެހެންވެ، ސޯލިހު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ މެދު ނަގަން ރާވާ ފެންނަ ނުފެންނަ ވޯޓާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއީ ހެޔޮ ނިޔަތުގައި ނަގާ ވޯޓެއް ނަމަ ރައްޔިތުންނާއި އެންޖީއޯތަކާއި ސިޔާސީ ޕާޓީތަކާއި ޖުޑިޝަރީ އާއި ގާނޫނީ ވަކީލުންނާ ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފަ އެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީ އަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް ވާތީ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް އަދި ގޮތެއް ކަނޑައަޅާފައި ނުވިނަމަވެސް، ރައީސް ވަރަށް އަވަހަށް އެ ބިލު ތަސްދީގު ކުރައްވައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއެކު، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ރެފަރަންޑަމް ވޯޓު ނަގާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް