ޤާސިމް އިބްރާހީމް، ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި.-- ފޮޓޯ: މަޖިލިސް
ގާސިމް ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދަނީ ދަރަނި ދައްކަންޖެހިފައިވާތީ ކަމަށް
ޖުނާން އަޙުމަދު 11 ފެބްރުއަރީ 2026 (ބުދަ)   10:58
ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް އަރައިގެންދަނީ ދައުލަތުން ދަރަނި ދައްކަންޖެހިފައިވާ މިންވަރުން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވޭތުވެދިޔަ ތިން ސަރުކާރުންވެސް ދައުލަތް ދަރުވާލާފައި އޮތް މިންވަރު އިހުސާސް ކުރެވޭ ކަމަށާ، މިއަދު އެ ހުރިހާ ކަމެއް (ދަރަނި ދެއްކުން) ކުރަން ޖެހިފައިވަނީ މިއަދުގެ ސަރުކާރާ ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް އެދެވޭ ގޮތުގައި ކުރިއަށް ނުގެންދެވެނީވެސް ތަރައްގީގެ ކަންކަމަށް އެޅިފައިވާ ހުރަހަކީވެސް ދައުލަތުން ދަރަނި ދައްކަން ޖެހިފައިވާ މިންވަރުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ހުރަކަށް މިވަނީ ދައުލަތުން ދަރަނި ދައްކަންޖެހިފައި އޮތް މިންވަރު. އެކަމާ ހެދި މިއުޅެނީ ހަމަ ބޯ ހިއްލައި ނުލެވިގެން. އަޅުގަނޑުމެން އެންމެންގެ ވިހިރުފިޔާ ބާވީސް ރުފިޔާއަށް ޑޮލަރު އަރައިގެންދަނީ ވެސް ހަމަ އެކަމާ ހެދި." ގާސިމް ވިދާޅުވިއެވެ. 

ގާސިމް މި މޭރުމުން މި ވާހަކަ ދެއްކެވީ، މިއަދުގެ ޖަލްސާގައި ކުރިއަށްދާ ޓެރަރިޒަމްގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެ ބިލުގައި ބުނެފައިވަނީ މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެ މައުލޫގައި ވާހަކަ ދައްކަވަމުން ގާސިމް ފާހަގަ ކުރެއްވީ، މިސްކިތްތަކަށް ގެއްލުން ދޭ މީހުންނަށް އާންމު ގާނޫނުތަކުންވެސް ފިޔަވަޅު އެޅެން އެބަ އޮތް ކަމަށާ، އެކަން އެގޮތަށް ކުރީ ސަރުކާރުން ނުކުރާ ކަމަށެވެ.

އަދި މި ސަރުކާރުން މިސްކިތްތަކުގެ މަސައްކަތްތަކަށް އިސްކަން ނުދޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުން ގާސިމް ވިދާޅުވީ ދައްކަންޖެހިފައިވާ ދަރަނި ބޮޑު ވެފައި ލިބޭ އާމްދަނީ ކުޑަ ކަމުން ޕްރޮޖެކްޓްތައް ކުރިއަށް ނުދާތީ ކަންބޮޑުވާ ކަމަށެވެ.

"ކަންބޮޑު ވިއެއްކަމަކު ކިހިނެއްތޯ އެކަން ކުރާނީ، ފައިސާ ލިބުނު ވަރަކުން ކުރެވޭނީ." ގާސިމް ވިދާޅުވިއެވެ. 

ގާސިމް މިފަހުން ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށާއި ރައީސް މުއިއްޒަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އެއީ އޭނާއަށް ލިބޭ ވިޔަފާރީގެ ފައިދާއަށްޓަކައި ކުރާ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.  

ކުރީ ސަރުކާރުތަކުގެ ވާހަކަ ގާސިމް ދެއްކެވިއިރު، ކުރީ ތިން ސަރުކާރުވެސް އުފެދިގެން އައީ ގާސިމް އާއި އޭނާގެ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާއެކު އެވެ.

ކޮމެންޓް