
މި ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެމްޑީޕީ މެންބަރުންގެ ގިނަ ހުށަހެޅުންތަކަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ރުހުން ނުދިން ނަމަވެސް މިއަދު އޮތް ޖަލްސާގައި ހުރިހާ މެންބަރުންވެސް ވާހަކަ ދެއްކެވީ މި ބިލަށް ތާއީދު ކުރައްވައެވެ.
އަދި މި ބިލުގެ ބަހުސަށްފަހު ބިލު ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންވެސް ވޯޓް ދެއްވީ ބިލު ބަލައިގަންނަން ފެންނަ ކަމަށެވެ. ބިލު ބަލައިގަތީ 52 މެންބަރުންގެ ވޯޓުންނެވެ.
މި ބިލަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ބިލު ވީހާވެސް އަވަހަށް ފާސްކުރަން ޖެހޭ ކަމަށް ތާއީދުކުރައްވާފައެވެ.
ބިލު ހުށަހަޅުއްވަމުން މެންބަރު ކުޑޫ ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ބަޔާންކޮށްފައިވާއިރު މިސްކިތްތަކަށް ގެއްލުން ދިނުމުގެ އަމަލުތައް އިތުރުވަމުންދާތީ މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމުގެ ގޮތުން އެފަދަ އަމަލުތައް ހުއްޓުވުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން މިސްކިތްތަކަށް ލިބިދޭންޖެހޭ ލޯތްބާއި އިހްތިރާމާއި ރައްކާތެރިކަން ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިސްކިތްތަކަށް ގެއްލުންދޭ ކޮންމެ ފަހަރަކު އެމީހަކީ ބުއްދިގޯސް މީހަކަށްވެފައި އެކަމުން ސަލާމަތްވުމުގެ ޖާގަ މި އޮންނަނީ ވަރަށް ފުޅާކޮށް. މިކަން އަޅުގަނޑުމެން ހުއްޓުވަންޖެހޭ. ބުއްދި ގޯސް މީހާ ގެއްލުންދޭ ހަމައެކަނި ތަނަކީ މިސްކިތްތައް ކަމަށްވަންޏާ އެއީ ވަރަށް ބޮޑު ޖޯކެއް. މިސްކިތްތަކަކީ ރައްކާތެރިތަނަކަށް ވާންޖެހޭނެ،" މެންބަރު ކުޑޫ ވިދާޅުވި އެވެ.
ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މި ބިލަށް ޕީއެންސީ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާ، މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އަވަސްކޮށް، ވީހާވެސް އަވަހަށް ބިލު ފާސްކުރުމަށް ޕީއެންސީ ޕާލަމަންޓްރީ ގްރޫޕުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް، ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ ބިލަށް ތާއީދުކުރައްވާފައެވެ. އަދި ވީހާވެސް އަވަހަށް ބިލުގެ މަސައްކަތް ނިންމައި، އިސްލާހު ފާސްކުރުމަށްވެސް ވާހަކަ ދެއްކެވި ހުރިހާ މެންބަރުންހެން ވަނީ އެދިވަޑައިގެންފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި މާނަކޮށްފައިވަނީ 7 ކަމެކެވެ.
އެކަންކަމަކީ؛
މި ގާނޫނުގައި މަނާކޮށްފައިވާ އަމަލެއް ކޮށްފި މީހަކަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލުހުކުމެއް ކަނޑައަޅާފައިވާއިރު އެފަދަ އަމަލެއް ކުރުމަށް އެހީތެރިވާ މީހަކަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ.




