ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ނެރެން ސެކިއުރިޓީން މަސައްކަތް ކުރަނީ.--
އެމްޑީޕީ އިތުރު މެންބަރުންގެ ނަން އިއްވާ، މަޖިލިސް މެދުކަނޑާލައިފި
ޖުނާން އަޙުމަދު 10 ފެބްރުއަރީ 2026 (އަންގާރަ)   10:38
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގެ ތެރެއިން އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ އިތުރު މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެން އަމުރުކޮށްފިއެވެ.

މަޖިލިސް ރިޔާސަތުން ފުރަތަމަ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ވަނީ ތަޅުމުން ނެރެފަ އެވެ. އެއަށް ފަހު ބިލުގެ ބަހުސް ކުރިއަށްގެންދިޔައިރު ދެވަނަ ފުރުސަތެއްގައި ވާހަކަ ދެއްކުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއަށް ރިޔާސަތުން ފުރުސަތު ދިނުމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަމާ އިއުތިރާޒު ކުރެއްވި އެވެ. އަދި ރިޔާސަތު ކުރިމަތީގައި އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ. ފިއްޓޭއާއެކު އެހެން އެމްޑީޕީ މެންބަރުންވެސް ބައިވެރިވިއެވެ. ރިޔާސަތުން ވަނީ އިތުރު މެންބަރުންގެ ނަން އިއްވައި އެމެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް މަޖިލީހުގެ ސެކިއުރިޓީއަށް އަމުރުކޮށްފައެވެ. 

ރިޔާސަތުން ނަން އިއްވި މެންބަރުންނަކީ؛ 

  • ވައިކަރަދޫ ދާއިރާ މެންބަރު ހުސައިން ޒިޔާދު
  • ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލް ނަސީމް
  • ކެޔޮދޫ ދާއިރާ މެންބަރު މުޙައްމަދު ނިއުޝާދު
  • ހުޅުމާލޭ ދެކުނު ދާއިރާ މެންބަރު ޑރ.އަޙްމަދު ޝަމްހީދު
  • މާވަށު ދާއިރާ މެންބަރު އަހުމަދު ޝާކިރު

ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ރިޔާސަތުން އެންގެވީ މީގެ ތެރެއިން ބައެއް މެންބަރުންނަށެވެ. އެ މެންބަރުން މަޖިލީހުން ނެރެވެންދެން މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ. 

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރަނީ އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އަށް ބޮޑު ބަދަލެއް ގެންނާތީއެވެ. އެ މެންބަރުން ދެކެވަޑައިގަންނަވަ ގޮތުގައި އެކަން މަޖިލީހުން ކުރަމުން އެދަނީ ގާނޫނުއަސާސީއާ ހިލާފަށެވެ. 

އެހެންނަމަވެސް، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުން އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ތަޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމާނީ މަޖިލީހުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ތަކުރާރުކޮށް ނަން އިއްވުމަށް ފަހު، ސެކިއުރިޓީން މެދުވެރިކޮށް މައުރޫފް ވަނީ ތަޅުމުން ނެރެފައެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތެވެ.

އެ ބިލު މަޖިލިސް ކޮމިޓީން ދިރާސާކުރުމަށްފަހު އިއްޔެ އެންމެ ފަސް މިނެޓަށް ކުރިއަށްދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އިސްލާހެއް ނުގެނެހެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.

މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، އެޖެންޑާގެ "ވޯޓަށް އެހުމަށްހުރި ކަންކަމަށް ވޯޓަށް އެހުން" ކުރިއަށްދާއިރު އެ ބިލަށް ވޯޓަށް އަހައި ފާސްކުރާނެ އެވެ.

ކޮމެންޓް