
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލު ފާސްކުރީ 72 މެންބަރުންގެ ވޯޓާއެކު އެވެ. ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މި ވޯޓުގައި ބައިވެރިވިއެވެ.
އެ ބިލާ ދެކޮޅަށް ހަމައެކަނި ވޯޓު ދެއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އެވެ. މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރުމުން އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފައިވާތީ އެ ޕާޓީން ވަނީ ވޯޓު ބޮއިކޮޓުކޮށްފަ އެވެ.
އެ ބިލު އިއްޔެ އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ވެސް އެންމެ ފަސް މިނެޓުން، އެއްވެސް އިސްލާހެއް ނުގެނެހެވެ. މަޖިލީހުން ބިލު ފާސްކުރީ ވެސް ސަރުކާރުން ފޮނުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.
ބިލުގެ ބަހުސްގެ ވަގުތުގައި ބިލު ހުށަހެޅުއްވި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އާއި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ސުޖާއު ބިލު ދިފާއުކުރައްވާ ވާހަކަ ދެއްކެވިއެވެ.
އެމްޑީޕީގެ މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އަށް ބޮޑު ބަދަލެއް ގެންނާތީއެވެ. އެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަން މަޖިލީހުން ކުރަމުން އެދަނީ ގާނޫނުއަސާސީއާ ހިލާފަށެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުން އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ ތަޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމާނީ މަޖިލީހުން ކަމަށެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ހުށަހަޅުއްވި މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.




