
ޝައިޚް ހުސައިން ރަޝީދުގެ ފޭސްބުކް އެކައުންޓުން މިއަދު ކުރެއްވި މި ޕޯސްޓު ކުރައްވާފައި ވަނީ، އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރާއްޖޭގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެމްޑީޕީ މެންބަރުންނަކީ ކާފަރުން ދަރަޖައިގެ ބަޔަކަށް މިއަދު ހަދާފައިވާ ކަމަށް ބުނާ ޚަބަރެއް ހިއްސާކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރިއަށްދަނީ ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު "މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް" ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން، މަޖިލީހުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަން ނިމުނު އިރުގައި އެއްވެސް މިސްކިތެއް ހުޅުވާފައި ނުހުންނޭނެ ކަމަށާ، ތަޅުލިއްޔާ ތަޅުލާފައި ހުރެދާނެ ކަމަށެވެ.
އެމްޑީޕީއަކީ މިސްކިތްތަކާ ދުރު ބައެއް ކަމަށާ، އެ ޕާޓީއަކީ ލާދީނީ ނުލަފާ ބައެއްގެ ގޮތުގައި ސިފަކުރައްވާ ފަލާހު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިކަމަށް ރައްދު ދެއްވާ، ޝެއިޚް ހުސައިން ރަޝީދު ވިދާޅުވީ، ދީނީ ކާޑު ކުޅެގެން ސިޔާސީ މަންފާ ހޯދަން އުޅޭ އުޅުމަކީ މިހާރު ވަރަށް ބާވެފައިވާ ކަމެއް ކަމަށާ، ފަލާހު ފަދަ ބޭފުޅުން މިސްކިތަށް ނާރާ ކަމަށްވާނަމަ، އަޅާފައިވާ މިސްކިތްތަކުގެ އަދަދުވެސް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި، އަތުގައި ނެތް ކާޑެއް ކުޅެން އުޅުމުގެ ބަދަލުގައި، ހަގީގަތާ ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެ ޝެއިޚް ވިދާޅުވީ، ދޮގު ހެދުމާއި ހިޔާނާތްތެރިވުމަކީ ދީނީ ގޮތުން ބޮޑެތި ފާފަތަކެއްކަން ހަނދާންކޮށްދެއްވާ ކަމަށެވެ. އަދި އެކަންކަމުގެ ނުރައްކާތެރިކަން އެނގޭނީވެސް ދީނާ ގުޅުމެއް އޮވެގެން ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
ފަލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކައިގައި އެމްޑީޕީ މީހުންނަކީ "ލާދީނީ" ބައެއް ކަމަށް ވިދާޅުވުމުން، އެ ބަހުސްކުރެއްވި ބިލު ހުށަހެޅުއްވި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާއަށް ލާދީނީއޭ ގޮވުން ހުއްޓުވައިދެއްވުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ ފަރާތުން ނުހަނު އަދަބުވެރިކަމާއެކުގައި އެދިލައްވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ، އެކަން ނުހުއްޓުވޭނެ ކަމަށާ، ހުއްޓުވޭނެ ގޮތަކީ ޤާނޫނަކުން އެކަން މަނާކޮށްގެން ކަމަށެވެ.




