މާލޭސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ ތެރެއިން މިސްކިތަކަށް މޭޔަރު އާދަމް އާޒިމް ޒިޔާރަތް ކުރެއްވުން - ފޮޓޯ: ސިޓީ ކައުންސިލް
މެޗު ނުފެށެނީސް ތިޔަ ނެންގެވީ ފަހު ކާޑު
މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބަވައި، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ހައްދަވަން ފެއްޓެވުމަކީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫން - އާދަމް އާޒިމް
މަރްޔަމް މުޙައްމަދު 11 ފެބްރުއަރީ 2026 (ބުދަ)   23:07
މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްގެން ތިއްބަވައިގެން، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ހައްދަވަން ފެއްޓެވުމަކީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫން ކަމަށާ، މެޗު ނުފެށެނީސް ތިޔަ ނެންގެވީ ފަހު ކާޑު ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ، މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވާ، އެ ވާހަކަފުޅުގެ ވީޑިއޯ ވެސް ހިއްސާކުރައްވަމުންނެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެރަރިޒަމްގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ސައުދާ ވިދާޅުވެފައި ވަނީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މިސްކިތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޖެއްސުމާއި ފުރައްސާރަކޮށް ލާއިންސާނީ އަމަލުތައް އެ ފަރާތްތަކާމެދުގައި ހިންގަމުން އަންނަ ކަމަށާ، އެހެން ކަމުން އެފަދަ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ.

މިސްކިތްތައް ބެލުމަށް ލާފައި ތިބޭ މުވައްޒަފުންނަށް ސިޓީ ކައުންސިލުން އިހުމާލުވަމުން އަންނަ ކަމަށް ސައުދާ ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ އާދަމް އާޒިމް މިއަދު ވިދާޅުވީ ރައްޔިތުންގެ އިތުބާރަކީ ކުޅޭ ކުޅޭ އެއްޗަކަށް ނުހެއްދުމަށް އެދިވަޑައިގަންނަވާ ކަމަށާ، މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްގެން ތިއްބަވައިގެން، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ހައްދަވަން ފެއްޓެވުމަކީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫން ކަމަށެވެ.

"މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބަވައި، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ހައްދަވަން ފެއްޓެވުމަކީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫން. މެޗު ނުފެށެނީސް ތިޔަ ނެންގެވީ 'ފަހު ކާޑު'. ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނަހައްދަވާ! ﷲ ތިޔަބޭފުޅުންނަށް ހެޔޮ މަގު ދައްކަވައި، ފާފަ ފުއްސަވާށި. އާމީން." - އާދަމް އާޒިމް

ޕީއެންސީގެ މެންބަރު ސައުދާގެ އިތުރުން ވެސް، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވެސް މި ބިލުގެ ބަހުސްގެ ވަގުތުގައި މިއަދު ވަނީ، އެމްޑީޕީ މެންބަރުންނަކީ ކާފަރުންނާ އެއް ދަރަޖައިގެ ބަޔަކަށް ހައްދަވާފަދަ ބީދަޔަކުން ވާހަކަ ދައްކަވާފައެވެ.

މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަން ނިމުނު އިރުގައި އެއްވެސް މިސްކިތެއް ހުޅުވާފައި ނުހުންނޭނެ ކަމަށާ، ތަޅުލިއްޔާ ތަޅުލާފައި ހުރެދާނެ ކަމަށެވެ.

އެމްޑީޕީއަކީ މިސްކިތްތަކާ ދުރު ބައެއް ކަމަށާ، އެ ޕާޓީއަކީ ލާދީނީ ނުލަފާ ބައެއްގެ ގޮތުގައި ސިފަކުރައްވާ ފަލާހު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިކަމަށް ރައްދު ދެއްވާ، ދީނީ ކާޑު ކުޅެގެން ސިޔާސީ މަންފާ ހޯދަން އުޅުމަކީ މިހާރު ވަރަށް ބާވެފައިވާ ކަމެއް ކަމަށާ، ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ ވެސް އެމްޑީޕީ ވެރިކަމެއްގައި ކަން މެންބަރު ފަލާހުއަށް ހަނދުމަކޮށްދެއްވާ ކަމަށް ވިދާޅުވެ، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުުލް މަޖީދު އަބްދުުލް ބާރީގެ ދައުރުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އައްޝައިޚް ހުސައިން ރަޝީދު އަހުމަދު މީސްމީޑިއާގައިމިއަދު ވަނީ  ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި، ޝެއިޚް ހުސައިން ރަޝީދު ވިދާޅުވީ، ދީނީ ކާޑު ކުޅެގެން ސިޔާސީ މަންފާ ހޯދަން އުޅޭ އުޅުމަކީ މިހާރު ވަރަށް ބާވެފައިވާ ކަމެއް ކަމަށާ، ފަލާހު ފަދަ ބޭފުޅުން މިސްކިތަށް ނާރާ ކަމަށްވާނަމަ، އަޅާފައިވާ މިސްކިތްތަކުގެ އަދަދުވެސް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

އަދި، އަތުގައި ނެތް ކާޑެއް ކުޅެން އުޅުމުގެ ބަދަލުގައި، ހަގީގަތާ ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެ ޝެއިޚް ވިދާޅުވީ، ދޮގު ހެދުމާއި ހިޔާނާތްތެރިވުމަކީ ދީނީ ގޮތުން ބޮޑެތި ފާފަތަކެއްކަން ހަނދާންކޮށްދެއްވާ ކަމަށެވެ. އަދި އެކަންކަމުގެ ނުރައްކާތެރިކަން އެނގޭނީވެސް ދީނާ ގުޅުމެއް އޮވެގެން ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

"ތިޔަ އުޅެނީ ތިމާމެންގެ އަތުގައި ނެތް ކާޑެއް ކުޅެން. އެއީ ދީނީ ކާޑު. ތިޔަ ވާހަކަ މިހާރު ވަރަށް ބާވެއްޖެ ދޯ. އެނގޭތަ ދޮގު ހެދުމާއި ހިޔާނާތްތެރިވުމަކީ ލާދީނީ ބޮޑެތި ފާފަކަން. އެކަންވެސް އެނގޭނީ ދީނާ ގުޅުމެއް އޮވެގެންތާ." - ޝައިޚް ހުސައިން ރަޝީދު

ފަލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކައިގައި އެމްޑީޕީ މީހުންނަކީ "ލާދީނީ" ބައެއް ކަމަށް ވިދާޅުވުމުން، އެ ބަހުސްކުރެއްވި ބިލު ހުށަހެޅުއްވި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާއަށް ލާދީނީއޭ ގޮވުން ހުއްޓުވައިދެއްވުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ ފަރާތުން ނުހަނު އަދަބުވެރިކަމާއެކުގައި އެދިލައްވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ، އެކަން ނުހުއްޓުވޭނެ ކަމަށާ، ހުއްޓުވޭނެ ގޮތަކީ ޤާނޫނަކުން އެކަން މަނާކޮށްގެން ކަމަށެވެ.

ކޮމެންޓް