
އަބްދުﷲ ވަހީދު އެކްސްގައި ވިދާޅުވީ، ސަރުކާރުން މި އިންތިހާބަށް ހަދަމުން އަންނަ އުކުޅުތަކުގެ ތެރޭގައި، ފެނަކަ ކޯޕަރޭޝަނާއި އާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށް އެހެން ރަށްތަކަށް ވޯޓުލާން ރީ ރަޖިސްޓްރީވާން މަޖުބޫރުކުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން އާރުޑީސީ އާއި ފެނަކައިގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވޯޓު ޔަގީން ކުރުމުގެ ގޮތުން، އެހެން ރަށްރަށަށް ރީރަޖިސްޓްރީ ކުރުމަށް މަޖުބޫރުކޮށް މި އިންތިހާބަށް ސަރުކާރުން އަންނަނީ އިންތިހާއަށް ނުފޫޒް ފޯރުވަމުން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
މި ސަރުކާރާ ދެކޮޅަށް ކެމްޕޭނު ކުރާތީކަމަށް ބުނެ، ގދ.ތިނަދޫގައި މަސައްކަތްކުރާ ވެމްކޯގެ ތިން މުވައްޒަފުން އެހެން ރަށްތަކަށް ބަދަލުކޮށްފައި ވާއިރު، މީސްމީޑިއާގައި މިހާރު އާންމުވެފައިވާ ތިން ޗިޓުން އެނގޭގޮތުގައި ތިނަދޫ ސައިޓުން އެހެން ރަށަކަށް ބަދަލުކުރީ ގދ.ތިނަދޫ/މަދޮށިމާގެ، މުހައްމަދު ސާލިހު އަހްމަދު އާއި ގދ.ތިނަދޫ/މާހްމާވިލާ، މުހައްމަދު ނާއިފް އަދި ގދ. ތިނަދޫ/ހަވާނާ، އަލީ ނާބިތު މުހައްމަދު އެވެ.
ތިނަދޫ ސައިޓުގެ ކޭޝިއަރަކަށް މަސައްކަތްކުރާ އަލީ ނާބިތު މުހައްމަދު އާއި ތިނަދޫ ސައިޓުގެ ސީނިއާ އޮޕަރޭޝަންސް އޮފިސަރަކަށް މަސައްކަތްކުރާ މުހައްމަދު ނާއިފް ބަދަލުކުރީ ހދ.ކުޅުދުއްފުށި ސައިޓަށެވެ.
މީގެއިތުރުން ތިނަދޫ ސައިޓުގެ ސުޕަވައިޒަރަކަށް މަސައްކަތްކުރާ މުހައްމަދު ސާލިހު އަހްމަދު ބަދަލުކުރީ ހއ.އިހަވަންދޫ ސައިޓަށެވެ.
ތިނަދޫއަށް ނިސްބަތްވާ އަދި ތިނަދޫގައި ދިރިއުޅެމުންދާ އެ ތިން މީހުން ވަޒީފާ އަދާކުރާ ރަށް ބަދަލުކުރި ހަމައެކަނި ސަބަބަކީ ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ނުކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އިއްޔެ އެ ތިން މުވައްޒަފުން ވެސް އޮފީހަށް ހާޒިރުކޮށް ސަރުކާރާ ދެކޮޅަށް ކެމްޕެއިންކުރާ ކަމަށް ބުނެ ނަސޭހަތްދިން ކަމަށާއި އިންޒާރުދިން ކަމަށް ސޮއިކުރަން ދިނީ އެހެން ތުހުމަތެއް ކުރުމަށްފަހު ކަމަށް އެ ތިން މީހުންގެ ތެރެއިން އެކަކު މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.
އޭނާ ބުނެފައިވަނީ އެ ލިޔުމުގައި މުވައްޒަފުން މެދުގައި ނަފްރަތު އުފައްދާ ކަމަށް ބުނެފައިވާތީ ސޮއިކުރަން ހުރިހާ މުވައްޒަފުން ވެސް ދެކޮޅު ހެދި ކަމަށެވެ.
އެހެންވެ، މިއަދު ވެމްކޯ ހެޑް އޮފީހުން ވަނީ އެ ތިން މުވައްޒަފުން އެހެން ރަށަށް ބަދަލުކުރުމަށް ޗިޓް ފޮނުވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ރަށަކަށް ބަދަލުކުރި ވެމްކޯގެ ތިން މުވައްޒަފުން ވެސް އެ ރަށްތަކަށް ދާން ވަނީ ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީއަށް ކުރާ ތާއީދު އަނބުރާ ނުގެންދަން ވެސް އެ ތިން މުވައްޒަފުން ވަނީ ނިންމާފަ އެވެ.
އެ ތިން މުވައްޒަފުން ވަނީ މިފަހުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ތިނަދޫ އަށް ކުރެއްވި ދަތުރުގައި ތިނަދޫ ސިޓީ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ސައުދު އަލީ އާއެކު ފޮޓޯއެއް ނަގާފައެވެ. އެ ފޮޓޯ އެކްސްގައި ހިއްސާކުރައްވާ ފައްޔާޒު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއީދު ނެތް މަންޒަރު ފެނުމުން ވަޒީފާގެ ބިރު އެތައް ބަޔަކަށް ދައްކަމުން އަންނަ ކަމަށެވެ.
"އެގޮތުން އަޅުގަޑާއި އެކު ފޮޓޯއެއް ނެގުމުން މިއަދު ތިނަދޫ ސިޓީގައި ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ ނާބިތު، ނާއިފް އަދި ސާލިހް އަހްމަދު ކުޅުދުއްފުށި ސިޓީ އާއި އިހަވަންދޫއަށް ބަދަލުކޮށްފި. ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރު ކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ބޮޑު އަނިޔާއެއް." ފައްޔާޒް ވިދާޅުވެފައި ވެއެވެ.
"ގަދަބާރު ދައްކައިގެން ތާއީދެއް އިތުރެއް ނުވާނެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އޮތް ހައްގެއް. ދިވެހިންގެ ހުރިހާ މަދަނީ އަދި ސިޔާސީ ހައްގަކަށް ޕީއެންސީން އަރައިގަންނަމުންދާތީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން އަޅުގަނޑުމެން ނޫނެކޭ ބުނަން ޖެހޭ." - ފައްޔާޒް
ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާތީ ރަށްރަށުގައި ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަން ދަނީ ދައްކަމުންނެވެ. އެގޮތުން ބައެއް މުވައްޒަފުން ވަކިކޮށް، ބައެއް މުވައްޒަފުން އެހެން ރަށްތަކަށް ދަނީ ބަދަލުކުރަމުންނެވެ.
މީގެއިތުރުން އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައިގެން މުވައްޒަފުންވެސް ނަގަމުން އަންނައިރު، މީގެ އިތުރުން، އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަވެރި ކެންޑިޑޭޓުންނަށް މިލިއަނުން ރިޝްވަތުގެ ފައިސާ ހުށަހަޅަމުން އަންނަ ކަމަށް ވެސް އަބްދުﷲ ވަހީދު މިއަދު ވަނީ ތުހުމަތުކުރައްވާފައެވެ.




