އެފްޑީސީ ފްލެޓަށް ރައީސް އިބޫ ހަވީރުގެ ސައިފޮދަށް ވަޑައިގެންނެވުން - ފޮޓޯ: އެމްޑިޕީ
3600 އަށްވުރެ ގިނަ ފްލެޓުގެ ތަޅުގަނޑި ހަވާލުކޮށްފި
ޖުނާން އަޙުމަދު 15 ފެބްރުއަރީ 2026 (އާދީއްތަ)   12:00
ފާއިތުވި އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ، ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4000 ހައުސިންގ ޔުނިޓުގެ ތެރެއިން 3600 އަށް ވުރެ ގިނަ ފްލެޓު މިހާތަނަށް ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) އިން ހާމަކޮށްފިއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް މީޑިއާއަށް ވިދާޅުވި ގޮތުގައި، މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، 3647 ފަރާތަކަށް ވަނީ ތަޅުދަނޑި ހަވާލުކުރެވިފައި ކަމަށާ، އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ ބައެއް ފަރާތްތައް ވެސް އެބަތިއްބި ކަމަށެވެ.

އަދި ލިޔެކިޔުންތައް އިތުރަށް ޗެކްކުރަންޖެހޭ 112 ފްލެޓެއްގެ މަސައްކަތް އަދި ނުނިމި އޮތްކަން ފާހަގަކުރައްވަމުން ހަމްދާން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ފްލެޓުތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

އަދި އަލަށް އެ ސަރަޙައްދަށް ބަދަލުވާ އާއިލާތަކަށް ބޭނުންވާ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް އެފްޑީސީން ދަނީ ކުރަމުން ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ބިނާކުރި މި ފްލެޓުތަކުގައި 16 ފަންގިފިލާގެ 32 ޓަވަރު ހިމެނޭއިރު، އޭގެ ތެރޭގައި ހިމެނެނީ 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓެވެ.

ކޮމެންޓް