ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 1224 ޔުނިޓުގެ ބިންގާއެޅުން - ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލް އިން އަޅާ ފްލެޓުތަކުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެއް
ޖުނާން އަޙުމަދު 22 މާރޗް 2026 (އާދީއްތަ)   00:47
މި ސަރުކާރުގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ނަމުގައި ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އިން އަޅާ 1224 ފްލެޓުގެ އަމަލީ މަސައްކަތް މިރޭ ފަށައިފިއެވެ.

ސީއެމްއީސީ (ޗައިނާ މެޝިނަރީ އިިންޖީނިއަރިން ކޯޕަރޭޝަން) އާ ހަވާލުކޮށް، މިރޭ ބިންގާ އެޅި މި 1،224 ފްލެޓުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އެ މަޝްރޫއު ހަވާލުކޮށްފައިވާ ސީއެމްއީސީއަކީ އެފަދަ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށާ، އެ މަސައްކަތަށް މުއްދަތަށް ނިންމާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އަދި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 2028 ގެ މެދު ތެރޭގައި ނިންމައި ހަވާލުކުރަންޖެހޭ ގޮތަށް ކަމަށާ، ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވަރަށް ރަނގަޅަށް ނިންމޭނެކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.


މިއީ، އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އިން އެކުލަވައިލާފައިވާ އައިއެންއޭއެޗް (އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންް ސްކީމް) ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ހިންގާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެއެވެ.

ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރާ މި ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުމަށްޓަކައި، ހުޅުމާލެ ފޭސް 3 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއެވެ.

މި މަޝްރޫއުގައި ދޫކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓް