ކުޑަމޫސަ އާއި ނަދީމް އަށް ރައީސުލްޖުމްހޫރިއްޔާ އެވޯޑް ހަވާލުކޮށްދެއްވަަނީ.--
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކުޑަމޫސަ އާއި ނަދީމަށް
ފިޔެސް 16 ފެބްރުއަރީ 2026 (ހޯމަ)   07:43
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދިވެހި ފުޓްބޯޅަ ޝަހުސިއްޔަތު މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ކޮއްކޮ، ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ތަރި މުހައްމަދު ނަދީމަށް ދީފިއެެވެ.

ކުޑަމޫސަ އަށާއި، އޭނާގެ އެއްބަފާ ކޮއްކޮ ނަދީމަށް މި އިނާމް ހަވާލުކޮށްދެއްވީ ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ.

ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި އެވޯޑުގައި މޫސަ އާއި، ނަދީމަށް ލައިފްޓައިމް އެޗީވްމަންޓް އިނާމު ދިނީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މޫސަ އަކީ، ދިވެހި ކުޅިވަރު ތާރީހުދުށް އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ. ކުޑަމޫސައަށް ވަނީ ދުވަހުނޫސް ހަވީރުން ހޮވި ގަރުނުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ވޮލީބޯޅައިގެ އިތުރުން ހޮކީއާއި މަންޑި އަދި ބާސްކެޓް ބޯޅައިގައިވެސް މޫސަ ވާދަކުރިއެވެ. އޭނާގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ، އަދި އެންމެ ބޮޑަށް ވިދާލީވެސް ފުޓްބޯޅައިގައެވެ. ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅެންފެށީ 1972 ވަނަ އަހަރު ނިއު ރޭޑިއަންޓް އާ ގުޅިގެންނެވެ.

ނިއު އިން ކެރިއަރު ފަށައި އެ ޓީމާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހު މޫސަ 1992 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވީ، ރާއްޖޭގައި މުސާރައަށް ޕްރޮފެޝަނަލް އުސޫލުން ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައެވެ. މޫސަ ވަނީ ވެލެންސިއާއާ އެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އޭގެ ފަހުން ހުއްރިއްޔާ އަށް ބަދަލުވެ އެ ޓީމަށް ކުޅުމުގެ އިތުރުން ކޯޗުކޮށްދީ، ތަށި ހޯދައިދިނެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑްކޯޗުކަމާއި، ސީނިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންކޮށްފައިވާ މޫސަ އަކީ ރާއްޖޭން ފުޓްބޯޅައިން އެންމެ ފުރަތަމަ ރިހި މެޑަލް ހޯދިއިރު، 1991 ގެ ސާފް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

މޫސަ ކުޅިވަރަށް ކުރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް ދީފައެވެ.

މޫސަގެ ކޮއްކޮ ނަދީމަކީ، ފުޓްބޯޅަ، ވޮލީބޯޅަ، އަދި އެތުލެޓިކްސްގެ ހުނަރުވެރިއެކެވެ. ފުޓްބޯޅައިގައި އޭނާ ވަނީ ވެލެންސިއާ، ނިއު، އޯކިޑް، އަދި ހުއްރިއްޔާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެތުލެޓިކްސްގައި އޭނާ އަކީ ރެކޯޑް ދެމެހެއްޓި ފީލްޑް އެތުލީޓެކެވެ.

ވޮލީބޯޅައިގައި ނަދީމް ވަނީ ރާއްޖޭގެ ބޮޑެތި ޓީމުތަކަށް ކުޅެ ގައުމީ ފެންވަރުގައި ވަރަށް ގިނަ ކާމިޔާބީ ހޯދައި، އިންޑިވިޖުއަލް އެތައް މަގާމެއް ވެސް ހޯދައިފަ އެވެ. ފަހުން އޭނާ ބޮޑަށް ހަރަކާތްތެރިވީ ވޮލީބޯޅައިގެ ކޯޗިންގަ އެވެ. އެގޮތުން ވަރަށް ގިނަ ކްލަބްތަކަށް ތަށި ހޯދައިދީފައިވެ އެވެ. އަދި ގައުމީ ފިރިހެން ޓީމާއި، އަންހެން ޓީމަށް ވެސް ކޯޗުކޮށްދިނެވެ.

ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން ނަދީމަށް ވެސް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދީފައެވެ.

ނަދީމް އަކީ މިހާރުވެސް ހުރާ ވޮލީ ޓީމްގެ ހެޑް ކޯޗެވެ. އޭނާގެ ކޯޗުކަމުގައި އެ ޓީމް އަންނަނީ ތަފާތު މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބުތައް ހޯދަމުންނެވެ.

ކޮމެންޓް