އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރު ހައްވާ ނަސްރާ - ފޮޓޯ: އެފްއޭއެމް
ފީފާގެ ކޮމިޓީއަކަށް ރާއްޖޭގެ ކަނބަލެއް
ޖުނާން އަޙުމަދު 23 ފެބްރުއަރީ 2026 (ހޯމަ)   15:38
އެފްއޭއެމް (ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް) ގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރު ހައްވާ ނަސްރާ ސައީދު، ފީފާ (ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ) ގެ ފުޓްބޯލް ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީގެ މެންބަރުކަމަށް ހަމަޖައްސައިފިއެވެ.

ހިރިޔާ ސުކޫލުގައި މިހާރުވެސް މުދައްރިސެއްގެ މަގާމު ފުރުއްވަމުން ގެންދަވާ، އދ. މަހިނބަދޫއަށް ނިސްބަތްވާ ނަސްރާއަކީ ތައުމީ ދާއިރާގެ ހިދުމަތްތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަނބަލެކެވެ. އަދި މި ކޮމިޓީއަކީ ވެސް ތައުލީމުގެ ޒަރިއްޔާއިން މީހުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކޮމެޓީއެއް ކަން ފާހަގަކޮށްލެވެއެވެ.

ނަސްރާވަނީ ތައުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ވެސް ހާސިލުކުރައްވާފައި ކަމަށް ވާއިރު، ފީފާގެ އިޖުތިމާއީ ދައުރު ފުޅާކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރާ މި ކޮމިޓީގައި ނަސްރާ އަދާކުރާނީ 4 އަހަރުގެ ދައުރެކެވެ. އެހެންކަމުން އޭނާގެ ދައުރު ހަމަވާނީ 2029 އަށެވެ.

ފީފާގެ ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީއަކީ ތަފާތުކުރުންތައް ނައްތައިލައި، އިންސާނީ ހައްގުތަކާއި އިޖުތިމައީ ހެޔޮ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާ ކޮމިޓީއެވެ.

ކޮމެންޓް