ރައީސް މުއިއްޒު، ޓައިމްގެ ތައާރަފުގައި ހިމަނާފައިވާ ރޮއިޓާސް އިން ނަގާފައިވާ ފޮޓޯ.--
ދުނިޔޭގެ ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
މަރްޔަމް މުޙައްމަދު 12 ފެބްރުއަރީ 2026 (ބުރާސްފަތި)   07:35
އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައިވެސް މަޝްހޫރު ޓައިމް މަޖައްލާއިން މި އަހަރަށް ހޮވި ދުނިޔޭގެ ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހިމަނައިފި އެވެ.

އެ ލިސްޓްގައި ރައީސް މުއިއްޒު ހިމަނާފައިވަނީ "އާންމު ސިއްހަތަށް އިސްކަންދިނުމު"ގެ ރޮނގުން "ޓައިޓަންސް" ނުވަތަ "ވަރުގަދަ، ވިސްނުންތެރި އަދި މުހިންމު" މީހުންގެ ތެރޭގައެވެ. އެގޮތުން ޓައިޓަންސްގެ ގޮތުގައި މުއިއްޒުގެ އިތުރުން އިތުރު 13 ބޭފުޅަކު ހިމަނާފައި ވެއެވެ.

ޓައިމް އިން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖެއިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން "ޖެނަރޭޝަން ބޭން"އެއް ތައާރަފްކޮށް، އެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ގައުމަށްވެފަ އެވެ. އަދި އެ ނިންމުމާއެކު، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މި ސިޔާސަތަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމެއް ކަމަށާއި މިއީ 2023 ގައި ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމާއެކު އާންމު ސިއްހަތަށް އެ މަނިކުފާނު ދެއްވި ސަމާލުކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ވޭޕާއި އީސިނގިރޭޓް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރަން ގާނޫނުން ގެނައި ބަދަލުވެސް ޓައިމް ނޫހުން ފާހަގަކޮށްފައި ވެއެވެ. އޭގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓުވުމަށް ކުރެވޭ މަސައްކަތް ކަމަށްވެސް ބުނެފައި ވެއެވެ.  

"މިހާތަނަށް ސަރުކާރުތަކުގެ ސިޔާސަތު ބޮޑަށް ބިނާވެފައި އޮތީ ބަލިތަކުން ރައްކާތެރިވުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށް. ނަމަވެސް އަޅުގަނޑުމެން މިހާރު މި އިސްކަންދެނީ މި ދެބަޔަށް ވެސް ހަމަހަމަ ގޮތެއްގައި ސަމާލުކަން ދިނުމަށް،" ރައީސް މުއިއްޒުގެ މި ވިދާޅުވުން ޓައިމްގެ ލިޔުމުގައި ހިމަނާފައިވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ ހަރުކަށި ސިޔާސަތުތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، ޖީލުތަކަށް ދުންފަތް މަނާކުރުމުގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތާ ދުރުވާން އެހީވެދޭ ހިލޭ ހިދުމަތް ދޭ ކްލިނިކްތައް ގާއިމުކޮށްފައިވާ ކަމަށް ޓައިމް ގައި ލިޔެފައިވެއެވެ.

އަދި ކޮންމެ ވަގުތަކު ވެސް ގުޅޭނެ ނަފްސާނީ ދުޅަހެޔޮކަމުގެ ހެލްޕްލައިނެއްގެ ހިދުމަތް ވެސް ފަށާފައިވާ ކަމަށާ، އޭގެ އިތުރުން، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން މުޅިން ހުއްޓުވި ފުރަތަމަ ގައުމަކީ ރާއްޖެކަން ވެސް ޓައިމް ގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

"މި ހުރިހާ މަސައްކަތްތަކެއް އެކުއެކީގައި ކުރެވެމުން މިދަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މުޅި ގައުމުގެ ސިއްހީ ދުޅަހެޔޮ ކަމަށް މާނަހުރި އަދި ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށްޓަކައި،" ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ޓައިމްގައި ލިޔެފައި ވެއެވެ.

ކޮމެންޓް