ނޯތު ހާބަރު ސަރަހައްދު، މި ސަރަހައްދު ތަރައްގީކޮށް މިހާރު ވަނީ އުޅަނދުތަކަށް ހުޅުވާލާފައި.-- ފޮޓޯ: އެމްޕީއެލް
މާލޭ ނޯތު ހާބަރު އުޅަނދުތަކަށް އަލުން ހުޅުވާލައިފި
މަރްޔަމް މުޙައްމަދު 19 ފެބްރުއަރީ 2026 (ބުރާސްފަތި)   11:20
ބޮޑުތަކުރުފާނު މަގުން ބާޒާރުމަތި ސަރަހައްދުގެ މަގު ތަރައްގީކުރުމުގެ މަސައްކަތަށް ހުސްކުރި ނޯތު ހާބަރު ސަރަހައްދު އަލުން ކަނޑު އުޅަނދުފަހަރަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނީ ސަރަހައްދު ހުޅުވާލީ ރޭ 11:00 ގައި ކަމަށެވެ. މި ސަރަހައްދަކީ މައިގަނޑުގޮތެއްގައި މާލެ އާއި އަތޮޅުތަކާ ދެމެދު ދުއްވާ މުދާ އުފުލާ ބޯޓްތަކާއި މަސްދޯނި ފަހަރު ވެސް ބޭނުންކުރާ ސަރަހައްދެކެވެ.

އެމްޕީއެލުން ބުނީ އެ ސަރަހައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް ދޭއްގެ މަސައްކަތައް ނޯތު ހާބަރު ސަރަހައްދުގައި ހުސްކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި އެ ސަަރަހައްދު އަލުން ހުޅުވައިލީ ބާޒާރުމަތީގެ މަގު ފުޅާކޮށް، ޖާގަ ތަނަވަސްކުރަން ފެށި މަސައްކަތް ނިންމާލައި ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ.


އެމްޓީސީސީއާ ހަވާލުކޮށްގެން ތިން ފިޔަވައްސަކަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ދެން އޮތީ ފަހު ސެގްމަންޓެވެ. އެއީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގެ މަސައްކަތެވެ. އެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެކަމަށް މައުލޫމާތު ލިބެއެވެ. 

ރޯދަމަސް ފެށިގެން އައިއިރު ނޯތު ހާބަރު ސަރަހައްދު ބަންދުކޮށްފައި އޮތުމުން ރަށްރަށަށް ތަފާތު ކާބޯ ތަކެއްޗާއި މުދާ ގެންދިޔުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. 


ކޮމެންޓް