އަބްދުﷲ ޝާހިދު، ބައިނަލްއަގުވާމީ ފޯރަމެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އދ
ސަރުކާރުގެ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން ބަދަލުކުރުމަށް ގޮވާލައިފި
ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިޤްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް: ޝާހިދު
ހަސަން އިބްރާހީމް 7 ފެބްރުއަރީ 2026 (ހޮނިހިރު)   21:20
ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަން ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން އަވަހަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ވިޔަފާރި ބަނދަރުތައް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް މި ފަހުން ވަނީ ނިކުމެފައެވެ. އެމްޕީއެލްއިން ލޮޖިސްޓިސްކްސް އަށް ހާއްސަ ކުންފުނި ލޯންޗުކޮށްފައި ވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ.

މިކަމާ ގުޅޭގޮތުން މިރޭ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުމެއް ނޫން ކަމަށާ، އެއާޚިލާފަށް ސަރުކާރުން އަދާކުރަންޖެހޭ ދައުރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިޤްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް،"

ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޝާހިދު ވިދާޅުވީ ސަރުކާރުގެ މިފަދަ ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ޚިލާފު، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.


"މިކަމުގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާނެ. އެމަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ އެތައް އާއިލާތަކަށް މާލީގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހޭނެ. ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެން ދާނެ." - ޝާހިދު


މިކަމުގެ ނޭދެވޭ އަސަރު ދޭދޭ ފަރުދުންނަށް ކުރުމުގެ އިތުރުން، މުޅި އިޤްތިޞާދަށްވެސް ކުރާނެކަމަށް ވިދާޅުވެ ޝާހިދު ވަނީ ބައެއް ކަންކަން ފާހަގަ ކުރައްވާފަ އެވެ. އޭގެތެރޭގައި؛

  • ޕްރައިވެޓް ސެކްޓަރގެ އިންވެސްޓްމަންޓްތައް މަދުވާނެ
  • ވަޒީފާގެ ފުރުޞަތުތައް ގެއްލިގެން ދާނެ
  • އިޤްތިޞާދީ ދުވެލި މަޑުޖެހިގެން ދާނެ
  • ވިޔަފާރީގެ އިތުބާރު ގެއްލިގެން ދާނެ

.

މިފަދަ ކަންކަމުން ރައްޔިތުންނަށް ކުރިމަތިވާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށާއި، އިޤްތިޞާދީ ހަމަތައް ނެގެހެއްޓުމަށް ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން އަވަހަށް ބަދަލުކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް